ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓުތަކުގައި ސަރުކާރުން އަންގާ ގޮތަށް އެމްޑީޕީން ނެރޭ ވިޕްލައިނާ ހިލާފަށް ވޯޓު ދިނުމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު ނަން ނޯޓުކޮށްފި އެވެ.

މިއީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއެކު އެއްބަސްވި ޕާޓީގެ މަޖިލިސް މެންބަރުންގެ ލިސްޓަށް އެންމެ ފަހުން އިތުރުވި ނަމެވެ.

އެމްޑީޕީގެ ވިޕްލައިނާއި ހިލާފުވާނެކަން އިއުލާންކޮށް ނަޝީދު ހިމެނޭ ގޮތަށް 19 މެންބަރަކު އެ ލިސްޓުގައި ފުރަތަމަ ނޯޓު ކުރި އެވެ. ރަޝީދު އިއްޔެ ލިސްޓްގައި ނަން ނޯޓް ކުރުމުން އެ ލިސްޓު މިހާރު ވަނީ 20 އަށް އަރާފަ އެވެ. މަޖިލީހުގައި އެމްޑީޕީގެ 65 މެންބަރުން ތިއްބަވައެވެ. ނަމަވެސް 20 މެންބަރަކު ވިޕްލައިނާއި ހިލާފު ވާނެކަން އިއުލާން ކުރުމުން މިހާރު ސަރުކާރުން އަންގާ ގޮތަށް ވޯޓް ދޭން ތިއްބެވީ 45 މެންބަރުންނެވެ.

އެމްޑީޕީގެ އެތެރޭގެ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި މަޖިލީހުގައި ސަރުކާރުން އަންގާ ގޮތަށް ނޫން އެހެން ގޮތަކަށް ވޯޓުދޭ މެމްބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް އެޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރ މުހައްމަދު އަސްލަމް ވިދާޅުވި އެވެ. އަސްލަމް ވިދާޅުވީ ޕާޓީން ނެރޭ ވިޕްލައިނާ ހިލާފުވާ މެންބަރުންނަށް އަޅާނެ ފިޔަވަޅުތައް ލިޔެފައި އޮންނާނެ ކަމަށާއި ވިޕާއި ހިލަފުވާ ކަމުގައި ވާނަމަ ގަވާއިދާ އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމުގައެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ އެމަނިކުފާނު އެމްޑީޕީން ވަކިކޮށްފި ނަމަ ހަޔާތުގައި ދުވަހަކުވެސް ނުވާހާ ދެރަ ވާނެ ކަމަށެވެ. އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ވިދާޅުވެފައިވަނީ "އަޅުގަނޑު ހަމަ ގައިމު ވެސް ބަހުސަށް ޖާގަ ނުދޭ ވިޕްލައިނަކަށް ތަބާ ވާކަށް ބޭނުމެއް ނޫން. ހަދާނެ އެއްޗެއް ހަދާ. އަޅުގަނޑު އިންތިހާބުކުރީ ބަހުސްކުރަން." ކަމުގަ އެވެ.