ވޮޝިންޓަން (28 ޖޫން) - އަންނަ ޚަރީފުގެ މޫސުން ފެށެން ވާއިރަށް ކޮވިޑް 19ގެ ވެކްސިންގެ ފޯމިއުލާ ބަދަލު ކުރަން އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އެޑްވައިޒަރުން ހުށައަޅާނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އެފްޑީއޭގެ ވެކްސިންތަކާ ބެހޭ ކޮމިޓީއިން ބުނީ މި ބަދަލަކީ ފަހަކަށް އައިސް އަލަށް ފެންނަމުން އަންނަ ކޮވިޑް 19ގެ އެކި ވޭރިއަންޓްތަކަށް ރައްކާތެރިކަން ހިމެނުމުގެ ގޮތުން ވެކްސިނަށް ހުށައަޅާ ބަދަލެއް ކަމަށެވެ.

އަންނަ ޖުލައި މަހުގެ ތެރޭގައި އާ އުސޫލުތައް އިއުލާން ކުރަން ނިންމާފައިވާއިރު މި އުސޫލުތަކަކީ މިހާރު އެންމެ ބާރަށް ފެތުރެމުން އަންނަ އޮމިކްރޯން ވޭރިއަންޓަށް އަމާޒުކޮށް ޑިޒައިން ކޮށްފައިވާ އުސޫލުތަކެކެވެ.

މިކަމުގައި އިސްކޮށް އުޅުއްވާ އޮފިޝަލަކު ވިދާޅުވީ ވެކްސިންތަކުގައި ކޮވިޑް ވައިރަހާ އެއްކަހަލަ ސިފަތައް ގިނަވި ވަރަކަށް ވެކްސިންގެ ރައްކާތެރިކަން އިތުރުވާނެ ކަމަށެވެ.

އެފްޑީއޭގެ މި ނިންމުން ނިންމުމުގައި ފައިޒާ ވެކްސިން އުފައްދާ ބައޯންޓެކުންނާއި މޮޑަނާ އިންކް އަދި ނޮވެވެކްސްއިން މައުލޫމާތު ހުށައަޅާފައިވެ އެވެ.

އެހުރިހާ ކުންފުނިތަކުން ވެސް ވަނީ ވެކްސިންގެ ކޮލިޓީ އިތުރަށް ރަނގަޅުކޮށް އެ ބޭނުންކޮށްގެން ކޮވިޑް 19އިން ލިބޭ ރައްކާތެރިކަން އިތުރު ކުރެވޭނެ ފުރުސަތު އޮތް ކަމަށް ބުނެފަ އެވެ.

އެމެރިކާގައި އެއްވެސް ވެކްސިންއެއް އާއްމުކޮށް ބޭނުން ކުރަން ފެށުުމުގެ ކުރިން އެފްޑީއޭގެ މިންގަނޑުތަކާ ހަމަވޭތޯ ބަލާ އެ އިދާރާގެ ހާއްސަ ހުއްދައެއް ހޯދަން ޖެހެ އެވެ. -- ރޮއިޓާސް