ކައިވެންޏަށް އަހަރު ފުރުން ފާހަގަކުރުން ވަނީ އަހަރެމެންގެ ތެރޭގައި ވަރަށް ބޮޑަށް ވައިގައި ހިފާފަ އެވެ. ދެމަފިރިން އެކަކު އަނެކަކަށް ހަދިޔާ ދިނުމާއި ކާން ދިއުން އަދި ޕާޓީ ބޭއްވުން ފަދަ ކަންތައްތައްކޮށް އެކަންތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައި ހުރެ އެވެ. އަދި ބައެއް ފަހަރު ވަރަށް ތަފާތު ކަންތައް ވެސް ކުރެ އެވެ.

މީގެ ދެ ދުވަސް ކުރިން، އެލައިޑް އިންޝުއަރެންސް މާކެޓިން ހެޑް، ނިއުޝާދު ޝަރީފު މިވަނީ އޭނާގެ ކައިވެންޏަށް 11 އަހަރު ފުރުން ވަރަށް ތަފާތުކޮށް ފާހަގަކޮށްފަ އެވެ. ފޭސްބުކް މެދުވެރިކޮށް ހިއްސާކުރި ވީޑިއޯ މެސެޖުގައި ވަނީ، އަންހެނުންނަށް ދޭން އޭނާ ގަތް ހަދިޔާތައް ދައްކާލާފަ އެވެ.

އޭގެ ތެރޭގައި ހިމެނޭ އެކައްޗަކީ ފަޔާ ބްލޭންކެޓެކެވެ. އޭނާ ބުނި ގޮތުން އެއީ އަންހެނުން މާބޮޑަށް ހޫނުވުމުން އަލިފާން ނިއްވަން ބޭނުންކުރެވިދާނެ އެއްޗެކެވެ. އަދި އަލިފާން ރޯވެއްޖެ ހާލަތެއްގައި އަލިފާން ނިއްވަން ވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ.

ދެވަނަ ހަދިޔާއެއްގެ ގޮތުގައި އޭނާ ދައްކާލީ ގޭސް އެލާމެކެވެ. ގޭގައި އެއްވެސް ގޭސް ލީކެއް އުޅޭ ނަމަ މި އެލާމުން އެކަން އަންގައިދޭނެ އެވެ.

ތިން ވަނަ އަދި އެންމެ ފަހު ހަދިޔާއެއްގެ ގޮތުން ނިއުޝާދު ގަނެފައިވަނީ އަލިފާން ނިއްވާ ފުޅި އެވެ.

"މިއީ ކައިވެނިކޮށްގެން އުޅޭއިރު މާބޮޑަށް މައްސަލަޖެހުނީމަ ހަމަ ރާސްލާފައި ނިއްވާލަންވީ. އެންޓިފަޔާއެއް. ވަރަށް އަގުހެވޭ އަނެއްކާ. އެންމެ -/1080 ރުފިޔާ،" ސަމާސާ ރާގަކަށް ނިއުޝާދު ބުނެލަ އެވެ.

މި ވީޑިއޯގައި އޭނާ އިންނަނީ އޮފީހުގެ ލޯގޯ ޖެހި ޓީޝާޓެއް ލައިގެން ކަމުން ބައެއް މީހުންނަށް ހީވީ މިއީ ޕްރޮމޯޝަނަލް ވީޑިއޯއެއް ކަމަށެވެ. އެހެން ނަމަވެސް އޮންލައިން ނޫސް "ސަން" އާ ވާހަކަދައްކަމުން ނިއުޝާދު ބުނީ މިއީ އިޝްތިހާރެއް ނޫން ކަމަށާއި މިއީ ހަމަ ހަގީގަތުގައި ވެސް ކައިވެންޏަށް 11 އަހަރު ފުރުމުން އަންހެނުންނަށް ދޭ ހަދިޔާތަކެއް ކަމަށެވެ.

ނިއުޝާދު ގަނެފައި ހުރި ހަދިޔާތަކާ ބެހޭ ގޮތުން ހިއްސާކުރި ވީޑިއޯގައި ވާހަކަ ދެއްކި އިރު އަންހެނުންނަކީ ރުޅިގަދަ ބައެއްކަން ދެއްކުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ މި ވީޑިއޯއަށް ފާޑުކިޔާފަ އެވެ.

އަބްދުﷲ ނާހިދު ކިޔާ މީހަކު ފޭސްބުކުގައި އެ ވީޑިއޯ ހިއްސާކޮށް، އެ ވީޑިއޯގައި އޮފީހުގެ ޔުނިފޯމު ލައިގެން އިނުމުން އަންހެނުނަށް އިހުތިރާމު ނުކުރާކަމުގެ ތުހުމަތު ނިއުޝާދަށާއި އޭނާ މަސައްކަތްކުރާ އެލައިޑް އިންޝުއަރެންސްއަށް ވަނީ ކޮށްފަ އެވެ.

މިކަމާ ގުޅިގެން ފޭސްބުކުގައި ނިއުޝާދު ލިޔުނު ސްޓޭޓަސްގައި ވަނީ ހިތްހަމަ ނުޖެހިގެން ވާހަކަދައްކާފަ އެވެ. އެގޮތުން އަންހެނުންނަށް ހައްގުތައް ރާއްކާތެރިކުރުމަށް ކަމަށްބުނެ ނާހިދު އޭނާގެ ވީޑިއޯ ޝެއާކުރުމާއެކު ލިބެން ފެށި މީހުންގެ ނެގެޓިވް ކޮމެންޓުތަކުން އުފާވެރިކަމާއި އެކު ފެށިގެން އައި ދުވަސް ހިތާމަވެރި ދުވަހަކަށް ބަދަލުވެގެން ގޮސް އަންހެނުންގެ އުފާވެރިކަން ގެއްލި ކޮމްޕެނީގެ އަގުވެސް ވެއްޓިފައިވާ ކަމަށެވެ. އެހެން ނަމަވެސް ވީޑިއޯގައި އޮފީހުގެ ލޯގޯ ފެންނަން ހުރި ޓީޝާޓެއް ލައިގެން އިނދެވުމަކީ އެންމެ ރަނގަޅު ނިންމުން ނޫން ކަމަށް އޭނާ ގަބޫލުކުރެ އެވެ.

https://www.facebook.com/photo?fbid=10157268450846710&set=pcb.10157268454791710

ކައިވެންޏަށް 11 އަހަރު ފުރުން ތަފާތުކޮށް ފާހަގަކުރަން އުޅުމުން އާދައިގެ މަތިން އެންމެ ފަހުން "ގޯސްވީ އަހަރެން" ކަމަށް ނިއުޝާދު ލިޔެފައިވެ އެވެ.

މީގައި ފާހަގަކޮށްލަން ޖެހޭ ކަމަކީ ނިއުޝާދުގެ އަންހެނުންނަށް މި ހަދިޔާތަކާއި މެސެޖު ކަމުދިއުމެވެ. އަދި ނިއުޝާދު ބުނާ ގޮތުން އޭނާގެ އަންހެނުންނާއި ދެ ދަރިން ދެކެވާ ލޯތްބާއި ކުރާ އިހުތިރާމު އޭނާ ކައިރީގައި އުޅޭ އެންމެނަށް ވެސް އެނގޭނެ ކަމަށެވެ. އެހެން ކަމުން މިއީ އަންހެނުންނަށް މަލާމާތްކޮށް ކުޑައިމީސް ކުރުމަށް ކޮށްފައިވާ ވީޑިއޯއެއް ނޫންކަން އޭނާ ދަންނަ މީހުންނަށް ވެސް އެނގޭނެ ކަމަށެވެ.

މި ވީޑިއޯ މެސެޖު ބަލާލުމުން ވެސް އޭނާ އެވާހަކަތައް ދެއްކި ސަމާސާ ގޮތް އެނގިގެން ދާނެ އެވެ. އަދި ވީޑިއޯ ނިންމާލަމުން ސަމާސާ ގޮތް ކަނޑާލާފައި "އަސްލުކޮށް ވެސް މީއީ ގޭގައި ހުރުން މުހިއްމު ތަކެތި" ކަމަށް ބުނެފައިވެ އެވެ. އެއަށް ފަހު އަނެއްކާ ވެސް ސަމާސާ ރާގަކަށް "އެއީ އަންހެނުން ހިތްހަމަޖައްސައިގެން ރަނގަޅަށް 11 އަހަރު ވަންދެން އުޅެވޭނީ މިކަހަލަ ކަންތައް ކޮށްގެން ކަމަށް" ބުނެފައިވެ އެވެ.

މި ވީޑިއޯއާ ގުޅިގެން އަހަރެންގެ އަމިއްލަ ހިޔާލެއް ފާޅުކޮށްލާނަމެވެ. ބަލާލި ކޮންމެ މިހަކަށް ވެސް ނިއުޝާދު ދެއްކި ވާހަކަތަކަކީ ސަމާސާ ވާހަކަތަކެއްކަން އެނގިގެންދާނެ އެވެ. އަހަންނަށް ގަބޫލުކުރެވޭ ގޮތުގައި މިކަމާ އަދި ބަޔަކު ރުޅި އައިސްގެން އޭނާ "ނޮޅައި ކާލަން" ޖެހޭވަރުގެ ކަމެއް ނެތެވެ. ފަހަރެއްގައި އަހަރެންނަށް މި ވީޑިއޯއިން ދެއްކި ވާހަކަތަކުން ނުބައެއް ފާހަގަ ނުވީ އެވެ.

މިހާރު ގިނައީ މީހަކު އެއްޗެކޭ ބުނާ އިރަށް "ޓްރިގާ" ވާ ކުދިންނެވެ. ކޮންމެއަކަށް ނިއުޝާދުގެ އަންހެނުންނަށް މި ހަދިޔާ ކަމުގޮސްފި އެވެ. ނިއުޝާދުގެ މައްސަލައެއް ނެތެވެ. އަންހެނުންގެ މައްސަލައެއްވެސް ނެތެވެ. ދެން އަހަރެމެންނާ ކޮން ބެހޭ ހެއްޔެވެ؟

މިހެން ބުނީމަ އަހަރެން ވެސް ގޯސްވެދާނެ އެވެ.