މީޑިއާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ހެއްކާ ބެހޭ ގާނޫނު އެމްޑީޕީއިން ފާސްކޮށްފައިވަނީ ގާނޫނާއި ހިލާފަށް ކަމަށާއި ޗާޓުން ބޭރުން އެމްޑީޕީއަކަށް ނުކުޅެވޭނެ ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި ހެއްކާ ބެހޭ ގާނޫނުގައި މަސްދަރު ހާމަކުރަން މަޖުބޫރުވާގޮތަށް އޮތުމުން އެކަމަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައި އެވެ.
ޑރ. ޖަމީލު ވިދާޅުވީ އެމްޑީޕީއިން ރައީސް މައުމޫނަށް ޖޯކުޖެހި ހުރިހާ ކަމެއް މިހާރު އިއާދަކުރިނަމަވެސް މަސްދަރު ހާމަކުރާ ގާނޫނު ބާތިލް ކޮށްފައިވާ ކަމަށެވެ.
"ގާނޫނު އަސާސީގެ 28 ވަނަ މާއްދާ ގާނޫނުގެ މައްޗަށް ޕްރިވެއިލްވާނެ، ދި އެކަން ގާނޫނުއަސާސީގެ 268 ވަނަ މާއްދާގައި ސާފުކޮށްދީފައިވޭ. ޗާޓުން ބޭރުން ނުކުޅެވޭނެ،" ޑރ. ޖަމީލު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ހުށަހެޅުއްވި ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކޮށްފައިވަނީ ޖުމްލަ 50 މެމްބަރުންގެ ވޯޓާއެކު އެވެ.
މި ބިލު ފާސްކޮށްފައިވަނީ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލުގައި ހުރި ކަންބޮޑުވުންތަކާ ގުޅިގެން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނާއި، މީޑިއާ ކައުންސިލުން ރައްޔިތުންގެ މަޖިލިސް އިދާރާ ކުރިމަތީގައި ސުލްހަވެރި އިހުތިޖާޖެއް ކުރަމުން ދަނިކޮށެވެ.
މަސްދަރު ހާމަކުރުމަށް އޮތީ ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގަ އެވެ. މި މާއްދާގެ (ހ)ގައި ބަޔާންކުރާ ގޮތުން މަސްދަރު ހާމަކުރުމުގެ ސަބަބުން އެ މީހާ އަށް ނުވަތަ އެހެން ފަރާތަކަށް ވެސް ވެދާނެ ގެއްލުމަށް ވުރެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު ބޮޑުވާ ހާލަތްތަކުގައި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ އެވެ. އެފަދަ ހާލަތެއްގައި ނޫސްވެރިންނަށާއި، މީޑިއާއަށް މަސްދަރު ހާމަކުރުމަށް މަޖުބޫރުކުރުމުގެ ބާރު ފަނޑިޔާރަށް އޮވެ އެވެ.
މިޙާރު ޖަމީލު އަށްވެސް މިކަން އެބަ އެނގޭހެން ހީވަނީ. ވެރިކަމުގައި ތިބި އިރު ނޭންގޭ. ދެންވެސް އެރިކަމަށް އަރާއިތަށް ހަނދާން ނެތޭނެ ހެން ހަމަ ހީވޭ! ހިޔެއްނުވޭ ކުރިން ވެރިކަން ކުރި އެއްވެސް ޕާޓީ އަކަށް ވެރިކަމަށް ދެން އާދެވޭނެ ހެނެއް.