ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރުކޮށް ހެއްކާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ އެވެ.

ޖުޑިޝަރީ ކޮމިިޓީން އެ ބިލު ދިރާސާކުރުމަށް ފަހު ހުށަހެޅި ރިޕޯޓަށް 15 އިސްލާހެއް ހުށަހަޅައި މިއަދު ފާސްކުރިއެވެ. އަދި އެ އިސްލާހުތަކާއެކު އެ ބިލު ފާސްކޮށްފައިވަނީ އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވި 50 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

މި ބިލާ ގުޅޭގޮތުން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް މަޖިލީހުގެ އިދާރާ ކުރިމަތީ ނޫސްވެރިން މިއަދު ވަނީ ހިމޭން އިހްތިޖާޖެއް ކޮށްފަ އެވެ.

އިހްތިޖާޖުގައި ބައިވެރިވި ނޫސްވެރިންނާ ބައްދަލުކުރައްވައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ ނޫސްވެރިންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް މިއަދު ކުރެވޭނެ ކަމެއް ނެތް ކަމަށެވެ. އަދި އެ ބިލް ފާސްވެ ގާނޫނަކަށް ވުމުން ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ހެއްކާ ބެހޭ ގާނޫނަކީ ބޮޑު ސިންގާ މަސައްކަތެއް. އެކަން އެ ނިމުނީ ހަ މަސް، ހަތް މަސް ފަހުން. އަޅުގަނޑަށް ހިތަށް އަރަނީ ދެން ކުރެވެން އޮންނާނެ ގޮތަކީ މިކަން މިހެން ގެންގޮސްފައި ބިލު ފާސްކޮށްފައި އަނެއްކާ އަނބުރާ ތިޔަ ބޭފުޅުންގެ އިސްލާހެއް އަޅުގަނޑުމެން އެންޓަޓެއިން ކުރުން،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުުވިޔަސް މި ބިލު އޮތް ގޮތުން ހުރި ކަންބޮޑުވުންތައް އެމްޖޭއޭ އާއި މޯލްޑިވްސް މީޑިއާ ކައުންސިލް އެމްއެމްސީއިން ވަނީ މީގެ ކުރިން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައިވެސް ހިއްސާކޮށްފައެވެ. މަސްދަރުގެ މައުލޫމާތު އާންމުކުރުމުން، އެ މީހަކާއި އެ މީހަކާ ގުޅުން ހުރި ބަޔަކަށް އަނިޔާއެއް ނުލިބޭނެ ކަމުގެ ޔަގީން ކަމެއް ނެތް ކަމަށްބުނެ އެމްޖޭއޭ ބުނެ އެވެ.

މަޖިލިސް ކައިރިއަށް އެއްވެ ތިބި ނޫސްވެރިން ވަނީ ބިލުގައި ގައުމީ ސަލާމަތް މާނަކުރާ ގޮތް ހާމަކުރުމަށްވެސް ގޮވާލާފަ އެެވެ. އަދި އެ ބިލް ފާސްނުކޮށް މަޑުޖެއްސުމަށާއި، ބިލާއި މެދު ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް އަޑުއެހުމަށްވެސް އެފަރާތްތަކުން ގޮވާލާފައިވެ އެވެ.

ވަކި ހާލަތެއްގައި މަސްދަރު ހާމަކުރުމަށް އޮތީ ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގަ އެވެ. މި މާއްދާގެ (ހ)ގައި ބަޔާންކުރާ ގޮތުން މަސްދަރު ހާމަކުރުމުގެ ސަބަބުން އެ މީހާ އަށް ނުވަތަ އެހެން ފަރާތަކަށް ވެސް ވެދާނެ ގެއްލުމަށް ވުރެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު ބޮޑުވާ ހާލަތްތަކުގައި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ އެވެ. އެފަދަ ހާލަތެއްގައި ނޫސްވެރިންނަށާއި، މީޑިއާއަށް މަސްދަރު ހާމަކުރުމަށް މަޖުބޫރުކުރުމުގެ ބާރު ފަނޑިޔާރަށް އޮވެ އެވެ.