ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ވައްޓާލަން އެމްޑީޕީގެ ތެރެއިން ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ރޮޒެއިނާ ވިދާޅުވީ މިވަގުތު އެމްޑީޕީ އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެމްޑީޕީގައި ތިބެގެން އެމްޑީޕީ ސަރުކާރު ވައްޓާލައި އަދި ރައީސް ސޯލިހަށް ލިބެމުންދާ ތާއީދު ނަގާލަން ޕާޓީ ތެރެއިން ބަޔަކު ރެޔާ ދުވާލު ކުރަމުންދާ މަސައްކަތް ކަމަށެވެ.

އެގޮތުން އެފަދަ ބޭފުޅުން ރައްޔިތުންނަށް އޮޅުވާލައި ފިތުނަ އުފެއްދުމަށް އިދިކޮޅު ޕީޕީއެމަށް ވުރެ ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ރޮޒެއިނާ ވިދާޅުވި އެވެ.

"މިވަގުތު އެމްޑީޕީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެމްޑީޕީގައި ތިބެގެން އެމްޑީޕީ ސަރުކާރަށް ލިބެމުންދާ ތާއީދު ނަގާލުމަށް ޕާޓީ ތެރެއިން ބަޔަކު ރެޔާއި ދުވާލު ކުރަމުންދާ މަސައްކަތް. ރައްޔިތުންނަށް އޮޅުވާލާ ފިތުނަ އުފެއްދުމަށް ޕީޕީއެމް އަށް ވުރެއް ބުރަ މަސައްކަތް މިބޭފުޅުން އެބަކުރައްވާ." ރޮޒެއިނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ބައެއް މެންބަރުންނަށް ރޮޒައިނާ ތުހުމަތުކުރެއްވި ނަމަވެސް އެއީ ކޮން ބައެއް ކަމެއް އޭނާ ވިދާޅުވެފައެއް ނުވެ އެވެ.

އެމްޑީޕީގެ ތެރޭގައި ބައިބައިވުން އުފެދި، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުންނާއި ރައީސް ސޯލިހަށް ތާއީދުކުރައްވާ ބޭފުޅުން ގެންދަވަނީ އެއްބަޔަކު އަނެއްބަޔަކަށް ބަހުގެ ހަމަލާތަކެއް ދެމުންނެވެ. މިކަން އެންމެ ބޮޑަށް ފެނިގެން ގޮސްފައިވަނީ ނިމިދިޔަ އެޕާޓީގެ ޗެއާޕަސަންގެ އިންތިހާބުންނެވެ.

ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ރައީސް ސޯލިހް ފާޅުކުރައްވާފައި ވީނަމަވެސް، ރިޔާސީ އިންތިހާބަށް އެމަނިކުފާނު ކުރިމަތިލެއްވުމަކީ އެމްޑީޕީއަށް ރަނގަޅުގޮތެއް ނޫންކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.