ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ކުރިއަށް ގެނެސްދިނުމަށް ނިންމާފައިވާ "ލައިގާ" ގެ ފުރަތަމަ ލަވަ "އަކްޅީ ޕަކްޅީ" އާންމުކޮށްފި އެވެ.

އަންނަ މަހު ރިލީޒްކުރަން ނިންމާފައިވާ ފިލްމު "ލައިގާ" ގެ ޓްރެއިލާ ދައްކާލުމުގެ ކުރިން މިވަނީ އެފިލްމުގެ ޕްރޮޑަކްޝަން ޓީމުން އެފިލްމުގައި ހިމެނޭ ލަވައަށް ބެލުންތެރިންނަށް ދޫކޮށްލާފަ އެވެ.

Adv by Dhiraagu
Dhiraagu
Adv by Dhiraagu
Dhiraagu

މިލަވާގައި ފެނިގެންދަނީ މިފިލްމުގައި ލީޑް ރޯލުން ފެނިގެންދާ ދެ ތަރިން ކަމަށްވާ ވިޖޭ ދެވަރަކޮންޑާއި އަނަންޔާ ޕާންޑޭ އެވެ.

ވަރަށް ފޯރި ގަދަ ނެށުންތަކެއް ފެނިގެންދާ މިލަވައަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފަ އެވެ. އެގޮތުން މިލަވަ ނެރުނުތާ ނުވަ ގަޑިއިރު ތެރޭގައި ހަތަރު މިލިއަންވުރެން ގިނަ މީހުން މިލަވަ ވަނީ ބަލާފަ އެވެ.

ޕޫރީ ޖަގްނާތް ޑައިރެކްޓްކޮށްފައިވާ މިފިލްމަކީ ތެލުގޫ އަދި ހިންދީ ބަހުން ހަދާ ފިލްމެކެވެ.

ރޮމޭންޓިކް ސްޕޯރޓްސް އެކްޝަން ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ 2011 ވަނަ އަހަރު ފިލްމީ ކެރިއާ ފެށި ތެލުގޫ އެކްޓަރ ވިޖޭ ދެވަރަކޯންޑާއާއި ފިލްމު "ސްޓޫޑަންޓް އޮފް ދަ ޔިއާ 2" ގެ ތަރި އަނަންޔާ ޕާންޑޭ އެވެ.

މި ފިލްމުގައި ވިޖޭ ފެނިގެންދަނީ ބޮކްސިން ކުޅުންތެރިއެއްގެ ރޯލުންނެވެ.

ވިޖޭ އަކީ މިހާރު ތެލެގޫ އެކްޓަރުންގެ ތެރެއިން އެންމެ މަޝްހޫރު އެކެކެވެ.

އޭނާގެ ބޮޑަށް މަޝްހޫރުވެގެންދިޔައީ 2017 ގެ ނެރުނު ތެލުގޫ ފިލްމު "އަރުޖުން ރެޑީ" އިންނެވެ.

"ލައިގާ" ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 25 ގަ އެވެ.