މައިޒާން އިލެކްޓްރޯނިކްސް ނުދަންނަ މަސްވެރިއެއް ރާއްޖޭގައި ވަރަށް މަދުވާނެ އެވެ. ކުރިން ސޯސަންމަގުގަައި އަދި މިހާރު ހ. ގާދޫ ބިލްޑިންގައި ހިންގާ މައިޒާން އިލެކްޓްރޯނިކްސްއަކީ މަސްވެރިންނާއި ދަތުރު ފަތުރަށް ބޭނުންވާ މުއާސަލާތީ އަދި ފިޝް ފައިންޑަރު ފަދަ އާލާތްތައް ވިއްކާތާ އެތައް ޒަމާނެއްވީ ތަނެކެވެ.
މިހާތަނަށް ހަމައެކަނި މާލޭގައި ހިންގި މައިޒާން އިލެކްޓްރޯނިކްސް މާލޭގެ ކަނޑިންމައިން ބޭރުވެ، މިހާރު ވަނީ ރ. މީދޫގެ އަސްދަނޑިން އެތެރެވެފަ އެވެ.
މައިޒާން އިލެކްޓްރޯނިކްސް އާއި މީދޫ އާ ވަރަށް ބޮޑު ގުޅުމެއް އޮވެ އެވެ.
އެކަމުގެ ތަފުސީލް ދެއްވީ އެ ރަށުގެ މަޝްހޫރު ތާރީހު ދިރާސާކޮށް ލިޔެ ޝާއިއުކުރާ ފޭސްބުކް ޕޭޖްގަ އެވެ.
"ރ. މީދޫގެ ތާރީހު" ގެ ތާރީހު ކިޔާ ޕޭޖުގައި ވަނީ މިހެންނެވެ. "އެ މައިޒާން އިލެކްޓްރޯނިކްސް އާއި މީދޫ އާއި އޮތް ގުޅުމަކީ ކޮބައިތޯ ސުވާލު އުފެދުމީ ނުވުމަށް ވުރެ ވުން ގާތްކަމެކެވެ. ޖަވާބެއް ހޯދައިލުމުގެގޮތުން މި ޖެހިލަނީ ރަށުގެ ތާރީޚަށެވެ. މިފަހަރު ވަދެލަން މި ޖެހުނީ ހަކީމިީގެ އަށެވެ. ހިތަށް އަރާފާނެ އެވެ. މައިޒާން އިލެކްޓްރޯނިކްސް އާއި ހަކީމީގެއާއި ހުރި ގުޅުމަކީ ކޮބައިބާވަ އެވެ؟ ވަރަށް ވެސް ގުޅުން އެބަ އޮތެވެ. އޭގެ އަސްލަކީ ރ. މީދޫގެ ކާބަފައިން ކުރެ ހަކީމީގޭ (މަރުޙޫމް) ޢަލީ މޫސާ އެވެ. މަޝްހޫރު މީދޫ މާމުދިން ދޮންބޭބެ އެވެ. ދޮންބޭބެގެ ވަނަވަރު ލިޔަން އުޅެފިނަމަ ކޮޅުން ނުލާނޭތީވެ ކުރުކޮށްލުމަށް އެވާހަކަ އެއްފަރާތް ކޮށްލީމެވެ."
މައިޒާން އިލެކްޓްރޯނިކްސް އާއި މީދޫ ގުޅުވާލަދޭ ފާލަމަކީ މާމުދިން ދޮން ބޭބެގެ ދަރިކަނބަލުން ޝަމީމާ އަލީ އާއްމު ނަމުންނަމަ ސަމިއްތަ އެވެ. އޭގެ އަސްލަކީ، ޝަމީމާގެ ފިރިކަލުން އަދި މައިޒާން އިލެކްޓްރޯނިކްސްގެ ބާނީ މައިޒާން އަހުމަދު މަނިކު (އަހަންމަދޭ) އެވެ.
މައިޒާން އިލެކްޓްރޯނިކްސް އަކީ ދިގު ތާރީހެއް އޮތް ތަނެވެ. މި ހިސާބުން މައިޒާން އިލެކްޓްރޯނިކްސްގެ ތާރީޚުން ސޮފްހާއެއް ހުޅުވާލާނަމެވެ. އެއީ 1967 ވަނަ އަހަރެވެ. މައިޒާން އަހުމަދު މަނިކުގެ މޭސްތިރިކަމުގެ ދަށުން، "މައިޒާން އަހުމަދު ރޭޑިޔޯ ސާވިސް އެމްއޭއާރުއެސް (މާރސް)ގެ ނަމުން ޚިދުމަތްދޭ މަރުކަޒެއް ގާއިމްކުރެވުނެވެ.
މާާރސްގެ ބާނީއަކީ މައިޒާން އަޙްމަދު މަނިކެވެ. އަހަރުތަކަކަށް ފަހު 1981 ގައި މައިޒާން އިލެކްޓްރޯނިކްސް ޕްރައިވެޓް ލިމިޓެޑް ކޮމްޕެނީގެ ނަމުގައި ކުންފުންޏެއް އުފެއްދުނެވެ. އެ ކުންފުނި ހިންގެވުމުގެ މުގުލުގައި ހުންނެވީ ވެސް އަޙްމަދު މަނިކެވެ. އިތުބާރާއި ޔަގީންކަމާއެކު ފޯރުކޮށްދެމުން އައި ޚިދުމަތްތަކުގަ ސާބިތުކަމާއެކު ކުރިއަށް ދިއުމުގެ ނަތީޖާއަކަށްވީ 1990 ގެ ފަހުކޮޅު ރާއްޖެއަށް އެންމެ ފުރަތަމަ ޖީޕީއެސް ތައާރަފްކޮށް މާކެޓުކުރުމުގެ ޝަރަފު އެ ކުންފުންޏަށް ލިބުމެވެ. އޮޑިވެރިންނާއި ކައްޕިންނަށް ޖީޕީއެސް ބޭނުންކުރާނެ ގޮތް އަންގައިދީ އެކަމަށް އަހުލުވެރިކުރުވައި ފިޝް ފައިންޑަރު ތައާރަފްކުރުން ވެގެންދިޔައީ މައިޒާން އިލެކްޓްރޯނިކްސްގެ ނަން އިތުރަށް މަގުބޫލުވުމުގެ ސަބަބަކަށެވެ.
މައިޒާން އިލެކްޓްރޯނިކްސްގެ ގޮތްޕެއް މީދޫގައި ގާއިމްކުރުމީ އަހުމަދު މަނިކާއި ޝަމީމާގެ ދަރީންކުރެ، އެތަނުގައި ވިއްސަކަށް އަހަރު ހަރަކާތްތެރިވެފައިވާ، މުހައްމަދު އަޒީމު އާއި އޭނާގެ ކޮއްކޮ އިބްރާހިމް އަޒްލީމް މީގެ ތިން އަހަރު ކުރިއްސުރެ ދެކެމުން އަންނަ ހުވަފެނެކެވެ.
މަޖީދިއްޔާ ސުކޫލާއި ސްރީލަންކާ އާއި މެލޭޝިއާގައި އިލެކްޓްރޯނިކްސް އިންޖިނިއަރިން ކިޔެވުމަށްފަހު ވޮކޭޝަނަލް ޓްރޭނިން ސެންޓަރު (ވީ ޓީސީ)ގައި އެއްއަހަރު ކިޔަވައި ދިނުމުގެ މަސައްކަތުގައި އަޒީމް އުޅުއްވި އެވެ. އަޒީމް ވަނީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އިލެކްޓްރޯނިކްސް އިންޖިނިއަރުގެ މަގާމު ވެސް އަދާކޮށްފަ އެވެ. ޖީޕީއެސް ރާއްޖެއަށް ތައާރަފްކުރުމުގައި ވެސް އަޒީމް ވަނީ މައިޒާން އިލެކްޓްރޯނިކްސްގެ ޓީމުގައި ވަރަށް އިސް ދައުރެއް އަދާކޮށްފަ އެވެ.
އަޒީމްގެ ތަސައްވުރަކީ، ޒަމާނީ ވަސީލަތްތަކާއި އީޖާދީ އުފެއްދުންތައް ރާއްޖެއަށް ތަޢާރަފްކުރެވި، އޭގެ އިލްމާއި ހިލްމު ހަންފޮޅު ރަށްރަށާއި މީދޫގެ ދަރިންނަށް އުނގަންނައިދީ އަހުލުވެރި ( އޮޑިވެރިން، މަސްވެރިން، ފަޅުވެރިން) މުޖުތަމައެއް ބިނާކުރުމެވެ.
ލަފާދާރެއްގެ ގޮތުން ޝަމީމާގެ އިރުޝާދާ އެއްގޮތަށް، މައިޒާން އިލެކްޓްރޯނިކްސް މީދޫގައި ގާއިމްކުރުމަށް މަޝްވަރާ ކުރެވި ނިންމުނީ ޖޫން 9، 2022 ގަ އެވެ. އަދި މިދިޔަ ޖޫން މަހުގެ 16 ގައި ހުޅުވުނު އެ އިލެކްޓްރޯނިކްސްއިން މުވާސަލާތާއި، ނިޔަމިކަމުގެ (ނެވިގޭޝަނަލް ކޮމިޔުނިކޭޝަން) އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ވީހާ ވެސް ގާތުން ފޯރުކޮށްދޭނެ އެވެ. މީގެ އިތުރުން އާފްޓަ ސޭލް ސާވިސް ވިއްކުމަށްފަހު ދިމާވާ މައްސަލަތައް ހައްލު ކޮށްދިނުމާއި، ރަށުން ފޯރުކޮށްނުދެވޭ ޚިދުމަތްތައް މާލެއިން ފަސޭހަ އިންތިޒާމެއްގެދަށުން ހަމަޖެހިގެންދާނެ އެވެ.
އުތުރުގައި މަސްވެރިކަމަށް މަޝްހޫރު މީދޫގައި މައިޒާން އިލެކްޓްރޯނިކްސްގެ ގޮއްޕެއް ހުޅުވުމަކީ މައިޒާން އަހުމަދު މަނިކުގެ ތަސައްވުރެކެވެ. އެ ތަސައްވުރު ހަގީގަތަކަށް ވުމަކީ އަތޮޅުގެ މަސްވެރިންނާއި އެ ސަރަހައްދުގެ މަސްވެރިންނާއި އުޅަނދުފަހަރުގެ ވެރިންނަށް ލިބުނު ވަރަަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ އެވެ.