ބައިނަލްއަގުވާމީ ޔޯގާ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި މިދިޔަ މަހު ހިންގި ޔޯގާ ހަރަކާތް ހުއްްޓުވައި އަދި ހަމަނުޖެހުން ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރު ދީނީ އިލްމުވެރިޔާ ޝެއިހް ފަޒްލޫން މުހައްމަދު ޝަރުތުތަކާއެކު ދޫކޮށްލައިފި އެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ހިންގި ހަމަނުޖެހުންތަކުގެ ތުހުމަތުގައި ހައްޔަރުކުރި ފަޒްލޫން ދޫކޮށްލީ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ޝަރުތުކުރުމަށް ފަހު ކަމަށް އޭނާގެ ވަކީލް ވިދާޅުވި އެވެ.

އެ މައްސަލައިގައި ފަޒްލޫންގެ އިތުރުން ޝެއިހް އާދަމް ނިޝާން ވެސް ޖެހިގެން އައި ރޭ ހައްޔަރުކުރި އެވެ. އެކަމަކު ކޯޓުން ވަނީ މިދިޔަ އަންގާރަ ދުވަހު ނިޝާންގެ ބަންދަށް 16 ދުވަސް އިތުރުކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި ފަޒްލޫން ޔޯގާގެ ހަރަކާތް ހުއްޓުވުމުގައި ބައިވެރިވިކަމުގެ ހެއްކެއް ލިބިފައެއް ނުވެ އެވެ.

ފަޒްލޫން ހައްޔަރުކޮށް މަހެއްހާ ދުވަސް ވަންދެން ބަންދުގެ މުއްދަތު ޖެހި އިރު، އޭނާ ދޫކޮށްލީ އެންމެ ފަހުން ޖެހި ބަންދުގެ މުއްދަތު ހަމަނުވަނީހެވެ. އަދި އޭނާ ދޫކޮށްލީ ޝަރުތުތަކަކާ އެކުގަ އެވެ.

އެކަމަކު، އެއީ ކޮން ޝަރުތުތަކެއް ކަމެއް ސާފެއް ނުވެ އެވެ.

ފަޒްލޫން އާ އެކުގައި ދީނީ އިލްމުވެރިޔާ އާދަމް ނިޝާން އާއި ޕީޕީއެމްއަށް ނިސްބަތްވާ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވެސް އެ މައްސަލައިގައި ހައްޔަރުކޮފައިވެ އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި ހަ މީހަކު މިހާތަނަށް ވަނީ ދޫކޮށްލާފަ އެވެ.

އިލްމުވެރިން ހައްޔަރުކޮށްގެން އުޅޭތީ ގިނަ ބަޔަކު ދަނީ ސަކުކާރަށް ވަރަށް ބޮޑަށް ފާޑު ވެސް ކިޔަމުންނެވެ.

ޔޯގާ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރުކުރި މީހުން މިނިވަންކުރަން ގޮވާލައި "މިނިވަންކުރޭ މިނިވަންކުރޭ" ނަމުގައި އިދކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިހުތިޖާޖެއް ވެސް މިރޭ ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މީހުން ދޫކޮށްލީ ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު ކަމަށެވެ. ބަންދުން ދޫކޮށްލިއަސް ޖިނާއީ ތަހުގީގު ހިންގާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ނިޝާނާއި ފަޒްލޫން ހައްޔަރުކުރުމުން އިސްލާމިކް މިނިސްޓްރީން ވަނީ ދީނީ ތަގުރީރުކުރުމާއި ވައުޘު ބުނުން އަދި ދީނީ އިރުޝާދު ދިނުމަށް އެ ދެ ބޭފުންނަށް ދިން ހުއްދަ ވެސް މުއްދަތެއް ނެތް ގޮތަށް ހިފަހައްޓައިފަ އެވެ.