ހުޅުމާލޭ ހޮސްޕިޓަލްގެ ލިފްޓެއްގެ ތެރޭގައި މާބަނޑު މީހަކު ވިހޭ މައްސަލައެއް ބަލަން ފަށައިފި އެވެ.
ހުޅުމާލޭ ހޮސްޕިޓަލުގެ ލިފްޓުގައި މިމަހުގެ 16 ވަނަ ދުވަހުގެ ރޭގަނޑު މާބަނޑު އަންހެނަކު ވިހެއި މައްސަލައެއް ދާދި ފަހުން ސޯޝަލް މީޑިއާގައި ފެންމަތިވެފަ އެވެ.
މިމައްސަލަ ފެންމަތިވުމާއި ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި މައްސަލަ ހޮސްޕިޓަލުގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓްއިން ބަލަމުން އަންނަ ކަމަށެވެ. އަދި މިކަން ހިނގާދިޔަ ގޮތް ބެލުމަށްފަހު، ހޮސްޕިޓަލުގެ ޕޭޝަންޓް ކެއާ ރަނގަޅުކުރުމަށް ކުރަންޖެހޭ ކަމެއްވާ ނަމަ އެކަންކަން ކުރުމަށް ހޮސްޕިޓަލުގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެ ހޮސްޕިޓަލުން ފަސްނުޖެހޭނެ ކަމަށް ވެސް ހުޅުމާލޭ ހޮސްޕިޓަލުން ބުންޏެވެ.
ހުޅުމާލޭ ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގެ އަބަދުވެސް އަމާޒަކީ ބަލި މީހުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، ހޮސްޕިޓަލުން ދެވޭ ހިދުމަތްތަކަކީ ރައްޔިތުން ބަލައިގަންނަ ފަދަ ފުރިހަމަ ހަރުދަނާ ހިދުމަތަކަށް ހެދުން ކަމަށެވެ.
މިހާދިސާއާ ގުޅޭ ގޮތުން އާއިލާއިން ބައެއް މީޑިއާތަކުގައި ބުނެފައިވަނީ އެ އަންހެން މީހާ ލިފްޓް ތެރެޔަށް ވިހެއީ ހުޅުމާލެ ހޮސްޕިޓަލްގެ އިހުމާލުން ކަމަށެވެ. އަދި އޭނާ ވިހޭ ކުއްޖާ އޮތީ މަރުވެފަ އެވެ.
އާއިލާ އިން ބުނާ ގޮތުގައި އަށް މަހުގައި އަންހެން މީހާގެ ބަނޑަށް ދަރިފުޅު މަރުވި ކަމަށް ބެލެވެނީ ހޮސްޕިޓަލުން ދޭން ޖެހޭ މައުލޫމާތު ނުދީ އަދި އީދު ޗުއްޓީއާ ދިމާކޮށް ޕަބްލިކް ހެލްތު ޔުނިޓާއި މާބަނޑު މީހުންގެ ކްލިނިކް ބަންދުކުރުމާ ގުޅިގެންނެވެ.