ޔޯގާގެ ހަރަކާތްތަކާއި އަމަލުތަކަކީ ހިންދޫ ދީނުގެ ކަމެއްކަން ސާފުވާ ކަމަށް އަދާލަތު ޕާޓީން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވާތީ އެކަމާމެދުގައި ހިތްހަމަނުޖެހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފާޅުކޮށްފި އެވެ.

ޔޯގާ މެދުގައި އަދާލަތު ޕާޓީއިން ކޮށްފައިވާ އިލްމީ ދިރާސާ ރިޕޯޓަށް ފާޑުވިދާޅުވެ ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔޯގާއަކީ ޝިރުކެއް ކަމަށް ދަންނަ ބޭކަލުންގެ އިޖުމާއެއް ނެތް ކަމަށެވެ. އަދި ވަކި ބައެއްގެ ފަލްސަފާ އަކީ އިސްލާމް ދީނުގެ ހުކުމެއް ކަމަށް ބަލައިގަންނަން ދަތި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އަދާލަތު ޕާޓީން އާއްމުކުރި ދިރާސާ ކަރުދާހެއްގައި ވަނީ އެންމެހާ ކަންކަމަށް ބަލާއިރު ޔޯގާ އަކީ ހިންދޫ ދީނުގެ މަތިވެރި އަޅުކަމެއްކަން އެނގި ސާފުވެގެންދާ ކަމަށެވެ. އަދި ޔޯގާ ދީނަކާއި ނުވަތަ އަޤީދާ އަކާ ގުޅުމެއް ނެތޭ ބުނެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

މަޝްހޫރު ގިނަ އިލްމުވެރިންގެ ރައުޔަކީ މުޅި ޔޯގާ އެއްކޮށް ހަރާމްވުން ކަމަށާއި މިއީ ޖުމްހޫރު އިލްމުވެރިންގެ ރައުޔުކަމަށް އެ ޕާޓީން ބުންޏެވެ.

އެ ދިރާސާ ކަރުދާހުގައި ވަނީ ޔޯގާގެ ހަރަކާތްތަކާއި ޢަމަލުތަކުގެ ތެރޭގައި އިސްލާމީ އަގީދާއާ ފުށުއަރާ، ކަނޑައެޅިގެން ޝިރުކުގެ އަމަލު ހިމެނޭ ކަމަށެވެ.

"އެހެނީ އޭގައި އިރުގެ ނަންތައް ކިޔާ، އިރަށް ތަޢުޡީމުކޮށް ކުރުނީސްކުރުމުން، މާތް ﷲ ފިޔަވާ އެހެން ފަރާތެއް އަޅުކަން ކުރުމުގައި ބައިވެރި ކުރެވެއެވެ. އަދި ހިންދޫ ކަލާނގެއަށް ދެންނެވުމާއި ހިންދޫ ކަލާނގެ މަތިވެރި ކުރުން ހިމެނެއެވެ. އެވެސް ޝައްކެތްނެތްގޮތުގައި މާތްﷲ އާ އެހެން މަޚުލޫޤަކާއި ބައިވެރިކުރުން ނުވަތަ އެއްފަދަ ކުރުމަކީ ޝިރުކުގެ ޢަމަލެކެވެ. އަދި ބާޠިލް ކަލާނގެއެއް މަތިވެރި ކުރުމަކީ ޝިރުކުގެ ތެރެއިން ވާކަމެކެވެ. އަދި އިރަށް ބޯލަނބާ މާތްﷲއަށް ދޭ ޤަދަރު ދިނުމަކީވެސް ޝިރުކެވެ. މިހުރިހާ ކަމެއް ޔޯގާގެ ތެރޭގައި ހިމެނިގެން ވެއެވެ. މާތްﷲ ވަނީ އެއިލާހަށް ޝިރުކު ކުރުން ވަރުގަދައަށް މަނާކުރައްވާ ނަހީކުރައްފައެވެ." އަދާލަތު ޕާޓީގެ ދިރާސާ ކަރުދާހުގައި ވެ އެވެ.

އެ ދިރާސާގެ އަލީގައި ޔޯގާގެ ހަރަކާތްތަކާއި އަމަލުތަކުގެ އަސްލަކީ ހިންދޫ ދީނުގެ ކަމެއްކަން ސާފުވެއްޖެ ކަމަށް އަދާލަތު ޕާޓީން ބުންޏެވެ. އަދި އިސްލާމީ ދިވެހި ގައުމުގައި މިފަދަ ކަމެއް ފެތުރި އާއްމުވެ ދިޔަނުދިނުމަށް އިންތިހާއަށް ސަމާލުވާންޖެހޭ ކަމަށް ވެސް އެ ޕާޓީގެ ދިރާސާ ކަރުދާހުގައިވެ އެވެ.

ދަންނަ ބޭކަލުންގެ އިޖްމާއު އަކީ ގުރުއާނާއި ސުންނަތުގައި ހުކުމެއް ނެތް ކަމަކަށް ދަންނަ ބޭކަލުންގެ އިއްތިފާގުން ހުކުމެއް ކަނޑައެޅުމެވެ.

ޔޯގާއާ މެދު އަދާލަތު ޕާޓީގެ އިލްމުވެރިން ރިޕޯޓެއް ނެރުނީ، މި އަހަރުގެ ބައިނަލްއަގްވާމީ ޔޯގާ ދުވަހު ރާއްޖޭގައި، އިންޑިއާ ހައިކޮމިޝަނާއި ސަރުކާރު ގުޅިގެން ޔޯގާ ހަރަކާތެއް ބޭއްވި މައްސަލަ ހޫނު ވެފައިވަނިކޮށެވެ. އެ ދުވަހު ހަރަކާތް ހިންގަނިކޮށް ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގި މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ދަނޑު ބޭރުގައި ތިބެ އެ ހަރަކާތާ ދެކޮޅަށް އަޑުއުފުލި ދެ ޝޭހަކު ހިމެނެ އެވެ.

ނަމަވެސް ރާއްޖޭގެ ފަތުވާ މަޖިލީހުން އަދި އިސްލާމިކް މިނިސްޓްރީން އޮތީ ހަނު އެވެ.