ޔޯގާ ހެދުމުގެ ތެރޭގައި ޝިރުކުގެ އަމަލެއް ނުހިމެނޭ ނަމަ އެ ކަން ކުރުމަކީ ހުއްދަ ކަމެއް ކަމަށް ދީނީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

"މިހާރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި މައުމޫން ވިދާޅުވީ ޝިރުކުގެ އަމަލެއް ނުހިމެނޭގޮތަށް ޔޯގާ ހެދުމަކީ އާދައިގެ ކަސްރަތެއް ކަމަށެވެ.

މައުމޫން ވިދާޅުވީ ޝިރުކު ނުހިމެނޭ ގޮތަށް ޔޯގާ ހެދުމަކީ ތިމާގެ ސިއްހީ، ނަފުސާނީ ދުޅަހެޔޮކަމަށްޓަކައި ކުރާ ކަސްރަތުތަކެއް ކަމަށެވެ.

ޔޯގޯ އާއި އިސްލާމްދީނާ ގުޅުވައިގެން ދެއްކޭނެ ވާހަކައެއް ނެތް ކަމަށާއި ސަބަބަކީ އިސްލާމްދީން ބިނާވެފައި ވަނީ ގުރުއާނާއި ސުންނަތުގެ މައްޗަށް ކަމަށް ވާއިރު ޔޯގާގެ ވާހަކަތައް އައިސްފައި ނެތުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވިފަހުން ޔޯގާގެ ވާހަކަ ރާއްޖޭގައި ވަރަށް ބޮޑަށް ދެކެވެއެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ކުރި ދިރާސާއަކަށްފަހު ވަނީ ޔޯގާ އަކީ ހަރާމް ކަމެއް ކަމަށް ފަތުވާ ނެރެފަ އެވެ. އެކަމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނުރުހުން ފާޅު ކުރައްވާފަ އެވެ.