ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލެމުން އަންނަނިކޮށް ސަރުކާރަށް ނަގާ ޓެކްސް ބޮޑުކުރަން ނިންމާފައިވާ ނިންމުމަށް ތާއީދު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
ސަރުކާރުން މިދިޔަ މަހު ވަނީ ޓީޖެސްޓީ 12 އިން 16 ޕަސަންޓަށް އަދި ޖީއެސްޓީ ހަ ޕަސަންޓުން އަށް ޕަސަންޓަށް ބޮޑުކުރަން ނިންމާފައިވާ ކަމަށް އިއުލާނުކޮށްފަ އެވެ.
ޓެކްސް ބޮޑުކުރުމާ ގުޅޭ ގޮތުން ސަރުކާރުން އެދިގެން އައިއެމްއެފްއިން ހަދާފައިވާ ދިރާސާ ރިޕޯޓްގައި ބުނެފައިވަނީ މިވަގުތު ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުން ރަނގަޅު ނޫން ކަމަށެވެ. އަދި މިހާރު ދުނިޔޭގައި އިންފްލޭޝަން ރޭޓް ބޮޑުވަމުން އަންނާތީ އާއި ކޮވިޑުގެ ބަލިމަޑުކަން އަދިވެސް ކުރިއަށް ދާތީ ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ފެށުން އެންމެ އަވަސް ވެގެން ވެސް 2024 އާ ހަމައަށް މަޑުޖައްސައިލަން އައިއެމްއެފްގެ ރިޕޯޓްގައި ސަރުކާރަށް ވަނީ ލަފާދީފަ އެވެ.
ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑު ކުރުމަށް ތާއީދު ކުރައްވާ އިބްރާހީމް ޝަރީފު (މަވޯޓާ) ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ނިންމި ނިންމުމަށް ތާއިދުކުރައްވާ ކަމަށާއި އެއީ މި ވަގުތި ކޮންމެހެން ކުރަން ވެސް ޖެހިފައި އޮތް ކަމަށެވެ. އެގޮތުން ތެލާއި އަސާސީ އެހެން ވަރަށް ގިނަ ތަކެތީގެ އުފުލުމާ ގުޅިގެން ސަރުކާރުން ސަބްސިޑީއަށް ވެސް އެތައް މިލިއަން ރުފިޔާ ހަރަދުކުރަން ޖެހިފައިވާ ކަމަށް މަވޯޓާ ވިދާޅުވި އެވެ.
ޓެކްސް ބޮޑުކުރާތީ މާލީ ދާއިރާގެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެ އެވެ.