ޔޯގާއާއި ގުޅޭގޮތުން ރާއްޖޭގެ 104 އިލްމުވެރިއަކު ނެރުއްވާފައިވާ ރައުޔެއް އިލްމުވެރިންގެ ގުޅުމުން ހާމަކޮށްފި އެވެ.

ޔޯގާގެ ޝަރުއީ ހުކުމް ބަޔާން ކުރުމުގެ ގޮތުން އިލްމުވެރިންގެ ގުޅުމުން މިއަދު ނެރެވައިވާ މި ރައުޔަށް ތާއީދުކުރާ އިލްމުވެރިންގެ ލިސްޓުގައި ރާއްޖޭގެ މަޝްހޫރު ގިނަ އިލްމެވެރިންވެސް ހިމެނެ އެވެ.

މި ރަޢުޔުގައި ޔޯގާގެ ހަގީގަތްތަކާއި، ޔޯގާ އުފެދިގެން އައި ގޮތާއި، ޔޯގާ ފެތުރުމުގެ މަގުސަދުތަކާއި ޔޯގާގެ ހުކުމާމެދު އިސްލާމީ އުއްމަތުގެ އިލްމުވެރިންގެ ފަތުވާތަކުގެ މައްޗަށް ތަފްސީލީގޮތެއްގައި އަލިއަޅުއްވާފައިވެ އެވެ. މީގެ އިތުރުން ގުރުއާނާއި ހަދީސްގެ އަލީގައިވެސް ޔޯގާއައި ގުޅޭގޮތުން އިލްމްބެރިން ދެކޭގޮތް މި ރައުޔުގައި ބަޔާން ކޮށްފައިވެ އެވެ.

ޔޯގާގެ ޝަރުޢީ ހުމުކް، މި ނަމުގައި އިލްމުވެރިން އާންމު ކޮށްފައިވާ މި ރައުޔު ނިންމާލަމުން ބަޔާން ކޮށްފައިވަނީ މިއީ އިލްމުވެރިންގެ ގުޅުމުގެ ފަރާތުން 15 މެއި 2022 އިން ފެށިގެން 18 ޖުލައި 2022 އާއި ދެމެދު ޔޯގާގެ ހުކުމާއި ގުޅޭގޮތުން ކޮށްފައިވާ ދިރާސާއެއް ކަމުގަ އެވެ.

ޔޯގާއަކީ ދުނިޔޭގެ ކަންކޮޅުތަކުގައި ކަސްރަތެއްގެ ގޮތުގައި ފެތުރުމުގެ ބޭނުމަކީ އެހެން އަގީދާތަކުގެ މީސްތަކުންނަށް އޮޅުވާލައިގެން އެބައިމީހުން ލައްވައި ހިންދޫ ދީނުގެ އަޅުކަންތައް ކުރުވުން ކަމުގައެވެ. އަދި އެދީންތަކުގެ ކަންކަމަށް ލޯބި ޖައްސާ އެދީންތަކަށް ތަބާވާ ބަޔަކު ކަމުގައި މީސްތަކުން ހެދުން ކަމަށްވެސް މި ރައުޔުގައި ބުނެފައިވެ އެވެ.

ދީނީ އިލްމުވެރިން މިފަދަ ރައުޔެއް ނެރެފައިވާއިރު އަދާލަތު ޕާޓީންވެސް ވަނީ ޔޯގާ އަކީ ޝިރުކެއް ކަމަށްބުނެ ފަތުވާ ނެރެފަ އެވެ.

ނަމަވެސް މިރައުޔުތަކާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވަނީ ވާހަކަ ދައްކަވާފަ އެވެ. އަދި އެޕާޓީގެ ގިނަ ބަޔަކު ޔޯގާ އަކީ ހުއްދަ އެއްޗެއް ކަމަށް ވަކާލާތު ކުރަމުންދާއިރު ކުރީގެ ރައީސް މައުމޫންވެސްވަނީ ކަސްރަތުގެ ގޮތުގައި ޔޯގާ ހުއްދަ ކަމަށް ވިދާޅުވެފަ އެވެ.