ބޮލީވުޑްގެ ފަންނާނެއް ކަމަށްވާ އަނަންޔާ ޕާންޑޭ އެކްޓަރު އިޝާންއާ އެކު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދުވަސްވަރު ސައުތުގެ މަޝްހޫރު ފަންނާނެއް ކަމަށްވާ ވިޖޭ ދެވެރަކޮންޑައާ އެކު ޑޭޓަކަށް ދިޔަ ކަން ހާމަވެއްޖެ އެވެ.

ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ޝޯއެއް ކަމަށްވާ ކޮފީ ވިތު ކަރަންގެ ހަތްވަނަ ސީޒަން ފަށާފައިވާއިރު، އެ ޝޯއަށް ގިނަ ބައެއްގެ ތަރުހީބު ދަނީ ލިބެމުންނެވެ.

އެގޮތުން ސީޒަން ހަތެއްގެ ހަތަރުވަނަ އެޕިސޯޑުގައި އަނަންޔާ އާއި ވިޖޭ ފެނިގެން ގޮސްފައިވާއިރު، އެ ދެމީހުން ވެސް ވަނީ ދެ މީހުންގެ ޒާތީ ކަންކަމާއި ލޯބީގެ ހަޔާތާއި ގުޅޭގޮތުން ކަރަން ކޮށްފައިވާ ސުވާލުތަކަށް ޖަވާބުދީފަ އެވެ.

އެގޮތަށް ޝޯގައި އެހި ސުވާލަކަށް ޖަވާބުދެމުން ވިޖޭ ވަނީ އެދެމީހުން އެކީގައި ކުޅެފައިވާ ފިލްމު "ލައިގަރް" ކުޅުނު އިރު ޑޭޓަކަށް ދިޔަކަން ހާމަކޮށްފަ އެވެ. އެހެންނަމަވެސް އަނަންޔާ ބުނީ އެއީ ރަހުމަތްތެރި ގޮތަކަށް ދިޔަ ޑޭޓެއް ކަމަށެވެ. އޭރު އަނަންޔާ ލޯބީގެ ގޮތުން ގުޅިގެން އުޅުނީ އިޝާންއާ އެވެ.

އަނަންޔާ އާއި އިޝާން 2021 ވަނަ އަހަރުގެ ކުރީކޮޅު އާ އަހަރު ހޭދަކުރުމަށް ރާއްޖެ އައި ހަބަރުތައް ވެސް ފެތުރިފައިވެ އެވެ. އަދި އެ ދެ ތަރިން ލޯބީގެ ގޮތުން ގުޅުނު ކަން އާންމުންނަށް އެނގުނު ނަމަވެސް ދެ ތަރިންގެ މެދުގައި އޮތް ލޯބީގެ ގުޅުން ނިންމާލިކަން ދާދި ފަހުން ވަނީ ހާމަވެފަ އެވެ.