މިއަހަރުގެ ޖޫން މަހު ރިލީޒްކުރި "ޖުގް ޖުގް ޖިއޯ" އާއި ފެބްރުއަރީގައި ގެނެސްދިން "ގެހަރާއިޔާ" ފަހު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން މި އަހަރު ގެނެސްދޭ ތިން ވަނަ ފިލްމުގެ "ލައިގާ" ގެ އިތުރު ލަވައެއް ބެލުންތެރިންނަށް ދޫކޮށްލައިފި އެވެ.

މީގެ ކުރިން ވެސް މިފިލްމުގެ ލަވައެއް ވަނީ ބެލުންތެރިންނާ ހަމައަށް ގެނެސްދީފަ އެވެ. އެއީ "އަކްޅީ ޕަކްޅީ" އެވެ. އެލަވައަށް ވެސް ބޮޑު ތަރުހީބެއް ލިބުނުއިރު، މިހާރު މިވަނީ މި ފިލްމުގައި ހިމެނޭ ތަފާތު ލަވައެއް ނެރެފަ އެވެ.

"އާފަތު" ގެ ނަން ދީފައިވާ މި ލަވަ އަކީ އޭގެ މިއުޒިކާއި ކިޔާފައިވާ ސްޓައިލްގެ އިތުރުން ލަވައިގެ ނެށުމުގައި ވެސް ތަފާތު ކަމެއް ފެނިގެން ދިޔަ ލަވައެކެވެ. "ލައިގާ" ގެ ދެ ތަރިން ކަމަށްވާ ވިޖޭ ދެވަރަކޮންޑާ އާއި އަނަންޔާ ޕާންޑޭގެ ކެމިސްޓްރީ ވެސް ވަރަށް ޗާލުކޮށް ފެންނަ ލަވައިގެ މިއުޒިކް ހަދައި، މީގެ ފިރިހެން އަޑަކީ ތަނިޝްގް ބަގްޗީ އެވެ. ރަޝްމީ ވިރާގް ޅެން ހެދި ލަވައިގެ އަންހެން އަޑަކީ ޒަހްރާ އެސް ޚާނެވެ. އަދި ލަވައިގެ ތެރެއިން ރިޗާ ޝަރުމާގެ ޑައިލޮގްކޮޅުތަކެއް ވެސް ހިމަނާފައިވެ އެވެ.

މިލަވަ މިހާތަނަށް އަށް މިލިއަންވުރެ ގިނަ މީހުން ވަނީ ބަލާފަ އެވެ. އަދި ގިނަ ބައެއްގެ ތައުރީފު މި ލަވައަށް ވަނީ ލިބިފަ އެވެ.

"އާފަތު" ލަވައިގެ މަންޒަރުތައް ނަގާފައި ވަނީ ތައިލޭންޑްގަ އެވެ. ލަވައިގެ ނެށުން ތައްޔާރުކޮށް ދިނީ ޕިޔޫޝް-ޝާޒިއާ އެވެ.

މި މަހުގެ 25 ގައި ރިލީޒްކުރަން ތައްޔާރުވަމުން އަންނަ "ލައިގާ" އަކީ އެކްޝަން ސްޕޯޓްސް ޑްރާމާއެކެވެ. ކަރަން ޖޯހަރްގެ ދަރުމާ އިން ޕްރޮޑިއުސްކޮށް، ޕޫރީ ޖަގަންނަތު ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ.

މިއީ ތެލޫގޫ އެކްޓަރު ވިޖޭގެ ފުރަތަމަ ހިންދީ ފިލްމެވެ.މީގެ ކުރިން ވިޖޭ ވަނީ ކާމިޔާބު ތެލޫގޫ ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދީފަ އެވެ. އޭގެ ތެރޭގައި އަރްޖުން ރެޑީ" އާއި "ޑިއާ ކޮމްރޭޑް" ކަހަލަ ކާމިޔާބު ފިލްމުތައް ހިމެނެ އެވެ.

https://www.instagram.com/p/Cg6A43zDtB6/?hl=en

"ލައިގާ" ހާއްސަވާ ސަބަބުތަކުގެ ތެރޭގައި އެމެރިކާގެ ބޮކްސިން ލެޖެންޑް މައިކް ޓައިޒަންގެ ރޯލެއް ވެސް ފިލްމުން ފެނިގެން ދިއުން ހިމެނެ އެވެ. މީގެ އިތުރު ކާސްޓުންގެ ތެރޭގައި ރޯނިތު ރޯއި، ރާމިއާ ކްރިޝްނަން އަދި މަކްރަންދު ދޭޝްޕާންޑޭ ހިމެނެ އެވެ.