ގިނަ އަދަދެއްގެ ދިވެހިންނާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލްމްގިރީއާއެކު ގުޅުން ހިންގި މައްސަލާގައި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ މުޝީރު އިބްރާހިމް ރާފިއު (ރާއްޕެ) މަގާމުން ވަކިކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ ރާފިއު އިއްޔެގެ ވަގުތެއްގައި މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ މައްސަލަ ފާހަގަ ކުރެވުނު ހިސާބުން ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ގިނަ ބަޔަކާ އެއްކޮށް އެއްޖިންސިން ގުޅުން ހިންގައި ބްލެކްމެއިކް ކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރިއާއެކު އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ ރާފިއު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ވަނީ ލީކުވެފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރާފިއު މަގާމުން ވަކިކުރިއިރު ރާއްޖޭގައި ނޫޅެ އެވެ. އޭނާ މި ވަގުތު ހުރީ ސްރީލަންކާގަ އެވެ.

އެނގިފައިވާ ގޮތުގައި ރާއްޕެ ލަންކާ އަށް ދިޔައީ ބަންގްލަދޭޝްގެ އަލަމްގީރާއެކީ ގުޅުން ހިންގި މީހުންގެ މައްސަލައިގެ ތަހުގީގުކުރަމުން އަންނަ އިރު، އޭނާ ވެސް އޭގެ ތެރޭގައި ހިމެނޭކަން ފުލުހުންގެ ތަހުގީގަށް އެނގުމާ ގުޅިގެންނެވެ.

އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި، މައްސަލައިގައި މިހާތަނަށް ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު، ޑީއާރްޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ އަބްދުއްރަހްމާން ރަފީއު (ދޮންދިގު) އެވެ.

މީގެ އިތުރުން އެއްޖިންސުން ގުޅުން ހިންގި މައްސަލައެއްގައި ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ، ނަސީރު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.