ބޮލީވުޑްގެ ފަންނާނެއް ކަމަށްވާ އަނަންޔާ ޕާންޑޭ އާއި ސައުތު އިންޑިއާގެ ފިލްމުތަކުން ގިނަ ބައެއްގެ ތަރުހީބު ހޯދާފައިވާ އެކްޓަރު ވިޖޭ ދެވެރަކޮންޑައާ ލޯބީގެ ގޮތުން ގުޅިފައިވާ ކަމަށް ހަބަރު ފެތުރިއްޖެ އެވެ.

ގިނަ ބަޔަލު ގަބޫލު ކުރާގޮތުގައި މިވަގުތު އޮންސްކްރީންގައި އެންމެ ލޯބި ޖޯޑަކީ އަނަންޔާ އާއި ވިޖޭގެ ޖޯޑެވެ. އެދެމީހުން އެކީގައި ކުޅެފައިވާ ފިލްމަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުންދާއިރު، ދެތަރިންގެ މެދުގައި ގާތްކަމެއް އުފެދިފައިވާކަން އާންމުންނަށް ވަނީ ފާހަގަވެފަ އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "ބޮލީވުޑް ލައިފް" އަށް މައުލޫމާތު ދެމުން ދެތަރިންގެ ގާތް މީހަކު ވަނީ އެ ދެމީހުންގެ ގުޅުމާ ގުޅިގެން ވާހަކަ ދައްކާފަ އެވެ.

އޭނާ ބުނިގޮތުގައި ދެމީހުންގެ މެދުގައި ލޯބީގެ ގުޅުމެއްވެ އެވެ. އެހެންނަމަވެސް ދެތަރިންވެސް އެކަން އަވަސް އަރުވާލައިގެން ކުރަން ބޭނުން ނުވާކަމަށް އޭނާ ބުނެފައިވެ އެވެ.

ދާދި ފަހުން ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ޝޯއެއް ކަމަށްވާ ކޮފީ ވިތު ކަރަންގެ ހަތްވަނަ ސީޒަންއަށް ދެތަރިންވެސް އެދެމީހުންގެ ފިލްމު ޕްރޮމޯޓް ކުރުމަށާއި އެކު އިންޓަވިއުއަކަށް އަރާފައިވާއިރު، އެ ޝޯއިންވެސް ދެތަރިންގެ ގުޅުމާއި ގުޅިގެން އާންމުންނަށް ވަނީ ބައެއް މައުލޫމާތުތައް ލިބިފަ އެވެ.

އެގޮތުން ޝޯގައި ކަރަން އެހި ސުވާލަކަށް ޖަވާބުދެމުން ވިޖޭ ވަނީ އެދެމީހުން އެކީގައި ކުޅެފައިވާ ފިލްމު "ލައިގަރް" ކުޅުނު އިރު ޑޭޓަކަށް ދިޔަކަން ހާމަކޮށްފަ އެވެ. އަދި އަނަންޔާ ވެސް އެކަމަށް އިންކާރުކޮށްފައެއް ނުވެ އެވެ.