ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ނުކުޅުދުންތެރިކަން ހުންނަ މީހުންނާ ބެހޭ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބައެއް ހަރަކާތްތައް ހިންގައިފި އެވެ.
ބީއެމްއެލް އިން ބުނީ އެ ގޮތުން އަޑުއިވުމުގެ ދަތިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޑެފް އެސޯސިއޭޝަނަށް 30،000 ރުފިޔާ ހަދިޔާކޮށްފައިވާ ކަމަށެވެ. އެ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ އެ ޖަމިއްޔާއިން ހިންގާ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ކަމަށް އެ ބޭންކުން ބުންޏެވެ.
އެ ޖަމިއްޔާގެ މެންބަރުން ވަނީ ބޭންކުގެ މެއިން ބްރާންޗަށް ޒިޔާރަތްކޮށް ބޭންކުގެ ބައެއް މަސައްކަތް ހިނގާ ގޮތް ބަލައި މުވައްޒަފުންނާއެކު ވަގުތު ހޭދަކޮށްފަ އެވެ.
މީގެ އިތުރުން އަޑުއިވުމާއި ވާހަކަ ދެއްކުމުގައި ދަތިކަން ހުންނަ މީހުންނަށް ޚިދުމަތް ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ބޭނުމުގައި ޑެފް އެސޯސިއޭޝަނާ ގުޅިގެން ބޭންކުގެ މުވައްޒަފުންނަށް ސައިން ލެންގުއޭޖް ޓްރެއިނިންއެއް ހިންގުމަށް ނިންމާފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
އެ ބޭންކުން ބުނީ މި ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދެވުނު އިތުރު ހަރަކާތްތަކުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ، ހިނގާ ބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިތުރު މޮޓޮރައިޒްޑް ވީލްޗެއާ ވެސް ހަދިޔާކުރުން ހިމެނޭ ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 125 އަށްވުރެ ގިނަ ވީލްޗެއާ ވަނީ ހަދިޔާކުރެވިފައި ކަމަށް ބީއެމްއެލް އިން ބުންޏެވެ.
މިއަހަރު ޖަނަވަރީ މަހު ބޭންކުން ވަނީ ރާއްޖޭގެ 10 ސްކޫލެއްގެ ސެން ކްލާސްތަކުގައި ކިޔަވަމުންދާ 300 އެއްހާ ކުދިންނަށް ކިޔަވައިދިނުމަށް އިތުރު ލުއިފަސޭހަތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ކިޔަވައިދިނުމަށް ބޭނުންވާ ހާއްސަ ތަކެތި ވެސް ހަދިޔާކޮށްފަ އެވެ.