ބަރުދަން ލުއި ކޮށްލުމަށް އެންމެ ރަނގަޅު އަދި އެންމެ އަގުހެޔޮ އެއް ގޮތަކީ ޖޮގިންއަށް ދިއުމެވެ. އެހެން ނަމަވެސް ޖޮގިންގެ އެންމެ ރަނގަޅު ނަތީޖާ ފެންނާނީ ބައެއް ކަންކަމަށް ސަމާލުކަން ދެވިގެންނެވެ.

ދުވަން ދިއުމުގެ ކުރިން މާ ގަދައަށް ނުކެއުން

ޖޮގިންއަށް ދިއުމުގެ ކުޑަ ވަގުތު ކޮޅެއް ކުރިން ބޮޑު މީލްއެއް ނަގައިގެން ދިއުން ރަނގަޅެއް ނޫނެވެ. އަހަރެމެން ދުވާއިރު ލޭ ދައުރުވުން އަމާޒުވެފައި ހުންނަނީ ކަށީގެ މަސްތަކަށެވެ. އެހެން ކަމުން ހަަޖަމުގެ ނިޒާމަށް ލޭ ފޯރާ މިންވަރު މަދުވުމުގެ ސަބަބުން ކާ ތަކެތި ހަޖަމަވާ ރޭޓް ދަށްވެ އެވެ. އެހެން ކަމުން ޖޮގިންއަށް ދިއުމުގެ ކުރިން ކައިގެން ދަންޏާ އެ ކާތަކެތި ހަޖަމް ނުވެ ބަނޑުގެ އެއް ފަޅިއެއްގައި ރިއްސުން ފަދަ ކަންތައް ދިމާވާނެ އެވެ.

ގިނައިން ފެން ބުއިން

ޖޮގިންއަށް ދާނަމަ ދުވާލު އެއްކޮށް ވެސް ގިނައިން ފެން ބޯން ވާނެ އެވެ. އެހެން ނަމަވެސް ޖޮގިންއަށް ދިއުމުގެ ކުރިން މާ ގިނައިން ފެން ބޮއެގެން ނުވާނެ އެވެ. އޭރުން ދުވާ އިރު އުނދަގޫވާނެ އެވެ.

ޖޮގިން ފެއްޓުމުގެ ކުރިން ސްޓްރެޗް ކޮށްލުން

ސްޓްރެޗް ކޮށްލުމަކީ ޖޮގިންއަށް ދިޔަ ކަމުގައި ވިޔަސް ކަސްރަތު ކުރި ކަމުގައި ވިޔަސް މުހިއްމު ކަމެކެވެ. އޭރުން ގައިގެ މަސްތައް މާ ބޮޑަށް ވާން ވުމުން ދުރުކޮށްދޭނެ އެވެ.

ރަނގަޅު ބޫޓެއް ޚިޔާރު ކުރުން

ޖޮގިންއަށް ދާއިރު ކޮންމެހެން އަގު ބޮޑު ބޫޓެއް ނުގަތަސް މާ ބާރު ނޫން އަދި މާ ދޫ ނޫން ބޫޓެއް ރަނގަޅުވާނެ އެވެ. އެ ބޫޓު ވާން ވާނީ ފަޔަށް ފަސޭހަ މަޑު މެޓީރިއަލްއަކުން ހަދާފައިވާ ބޫޓަކަށެވެ.