އައްޑޫ ސިޓީއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަނެއްކާ ވެސް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ އައްޑޫސިޓީގެ ކައުންސިލާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ކައުންސިލުން ވަނީ އައްޑޫ ސިޓީއަކީ މި ސަރުކާރުން އެންމެ ގިނަ ތަރައްގީގެ މަޝްރޫއު ހިންގާ އެއް ސިޓީކަން އުފަލާއެކު ފާހަގަކުރައްވާފަ އެވެ. އަދި ކައުންސިލަރުން ވަނީ އައްޑޫ ސިޓީގެ ތަރައްގީއާ ގުޅޭ ކަންކަމުގެ އެންމެފަހުގެ މައުލޫމާތާއި، ހުރި ބައެއް ކަންބޮޑުވުންތައް ހިއްސާ ކުރައްވާފަ އެވެ. އެގޮތުން، ކައުންސިލްގެ މަސައްކަތްތައް ހިންގުމުގައި ދިމާވާ ބަޖެޓުގެ ދަތިކަމާއި، ބޯހިޔާވަހިކަމާއި، އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއި، އިޖްތިމާއީ މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ކައުންސިލުން ހުށަހެޅި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވާރަކުރައްވައިގެން އެދެވޭ ޙައްލުތަކެއް ހޯއްދަވާދެއްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

"އައްޑޫ ސިޓީގެ މަޝްރޫޢުތައް އަވަހަށް ނިންމުމަށް ހައްލުކުރަންޖެހޭ ކަންތައްތަކާ ގުޅޭގޮތުން މިއަދު މަޝްވަރާ ކުރެވުނު. އަދި ލާމަރުކަޒީ ޤާނޫނުގެ އިޞްލާޙުތަކާއެކީ ކުރެވުނު ތަޖުރިބާއިން، ކައުންސިލްތައް ހިންގުމުގައި ހައްލުކުރަން ޖެހޭ ކަންތައްތަކެއް ހުރިކަން އަޅުގަނޑުމެންނަށް ފާހަގަވި،" އެ ބައްދަލުވުމަށްފަހު ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

އައްޑޫސިޓީގައި ހުރި މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ސޯލިހު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާއިރު އެ މައްސަލަތައް ހައްލު ނުވާތީ ރައްޔިތުންގެ ޝަކުވާތައްވަނީ ބޮޑުވެފަ އެވެ.

އައްޑޫގެ މަގުތައް އިންޑިއާގެ ކުންފުންޏަކުން ހަދަމުންދާިއރު ޕްރޮޖެކްޓް ކުރިއަށްދާ މިންވަރު ލަސްކަމާ އަދި ކޮލިޓީއާމެދު ކަންބޮޑުވުން ފާޅު ކުރައްވާ އައްޑޫ ސިޓީގެ މޭޔަރު ވެސް ވަނީ ދާދިފަހުން ވަރަށް ހޫނު ޓުވީޓެއް ކުރައްވާފަ އެވެ.

މޭޔަރު ނިޒާރު ވިދާޅުވީ މިގޮތަށް މަގުހެދުމުގެ މަޝްރޫއު ކުރިއަށް ދާނަމަ މިކަން ނިމޭއިރު ރައްޔިތުންނަށް މުސީބާތަކަށްވުން ކައިރި ކަމަށެވެ.