ސަރުކާރުން ލޯނެއް ނަގާނަމަ ނުވަތަ ލޯނަކަށް ސޮވެރިން ގަރަންޓީ ދޭނަމަ އޭގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުން ލާޒިމުކުރުމަށް މާލިއްޔަތު ޤާނޫނަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) ހުށަހެޅުއްވި އިސްލާހު މަޖިލީހުން ބޭރުކޮށްލައިފި އެވެ.

މި އިސްލާހު ބަލައިނުގަނެ މަޖިލީހުން ބޭރުކުރަން މިއަދު މަޖިލީހުގެ ޖަލްސާއަށް ވަޑައިގެންނެވި 41 މެންބަރުންވަނީ ވޯޓުދެއްވާފައެވެ. އެ ބިލު ބަލައިގަންނަން ވޯޓު ދެއްވީ ފަސް މެންބަރުންނެވެ.

އެ ބިލުގައި ބަޔާންކޮށްފައިވަނީ ސަރުކާރުން ލޯނެއް ނަގާނަމަ، ނުވަތަ ގެރަންޓީއެއް ދޭނަމަ ނުވަތަ އެހެން ބާވަތެއްގެ ދަރަންޏެއް ކަމުގައިވީ ނަމަވެސް އެ ދަރަނި ނެގުމުން ރާއްޖޭގެ އިގްތިސާދަށް ކުރާނެ އަސަރާ ގުޅޭ ރިޕޯޓެއް ތައްޔާރުކޮށް ރައީސުލްޖުމްހޫރިއްޔާގެ އިތުރަށް ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހެޅުން ލާޒިމުވާނެ ކަމަށެވެ. އަދި މިފަދައިން ހުށަހަޅާ ރިޕޯޓު ދިރާސާކޮށް އެ ރިޕޯޓުގައި އެކުލެވޭ ކަންކަން މަޖިލީހުން ބަލަންޖެހޭނެ ކަމަށެވެ. އަދި ދައުލަތަށް އެއްވެސް ދަރަންޏެއް ނެގޭނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވާ މެންބަރުންގެ އަޣުލަބިއްޔަތުން އެކަން ފާސްކޮށްގެން ކަމަަށްވެސް މި ބިލިގައި ބުނެފައިވެ އެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން، ދަރަންޏެއް ނެގުމުގެ ކުރިން ނުވަތަ ގެރެންޓީއެއް ދޫކުރުމުގެ ކުރިން މަޖިލީހުގެ ރުހުން ހޯދާކަށް ނުޖެހެ އެވެ. ގާނޫނުގައި ބުނެފައިވަނީ، ދަރަންޏެއް ނެގުމަށް ނުވަތަ ގެރެންޓީއެއް ދޫކުރަން ނިންމަވާނީ ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިން ރައީސް ކަމަށެވެ.