ފަހަކަށް އައިސް އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި އެންމެ ބޮޑަށް ވިދަމުންދާ ތަރިއަކީ ވިޖޭ ދެވަރަކޮންޑަ އެވެ.

ވިޖޭގެ ފުރަތަމަ ބޮލީވުޑް ފިލްމު ސިނަމާތަކުގައި ރިލީޒްކޮށްފައިވާއިރު، އެފިލްމަށް ގިނަ ބައެއްގެ ތަރުހީބު ދަނީ ލިބެމުންނެވެ. ހަމައެހެންމެ ގިނަ ބަޔަކަށް އެންމެ ކަމުދާ އެކްޓަރެއްގެ ގޮތުގައިވެސް ފާހަގަކޮށްފައިވާ ފިރިހެން އެކްޓަރެއްގެ ގޮތުގައި ވިޖޭ ވަނީ ފާހަގަވެފަ އެވެ.

އެގޮތުން ފިލްމު ޕްރޮމޯޓު ކުރުމަށް ބޭއްވި އިވެންޓުތަކުގައި ވިޖޭއާއި ފިލްމުގެ ބަތަލާ އަނަންޔާ ޕާންޑޭ ފެނިފައިވާއިރު، ކޮންމެ އިވެންޓެއްގައިވެސް ވިޖޭ، އާދައިގެ ފައިވާނަކަށް އަރައިގެން ހުންނަ މަންޒަރު ގިނަ ބަޔަކަށް ވަނީ ފާހަގަވެފަ އެވެ.

މިކަމާއި އެއްބަޔަކު ސޯޝަލްމީޑިއާގައިވެސް ފާޑުކިޔާފައިވެ އެވެ. ދާދި ފަހުންވެސް ފިލްމު ޕްރޮމޯޓު ކުރުމަށް ބޭއްވި އިވެންޓަށް ވިޖޭ ދިޔައީ ފައިވާނަށް އަރައިގެންނެވެ. މިކަމާއި ނޫސްވެރިއަކު ވިޖޭ ގާތު ސުވާލު ކުރުމުން އޭނާ ވަނީ އެ ސުވާލަށް ޖަވާބުދީފަ އެވެ.

އެގޮތުން އޭނާ ދުނިޔެއަށް އައުމުން އެރުވީ ފައިވާނަކަށް ކަމަށާއި، ބޮޑުވީވެސް ފައިވާނަށް އަރައިގެން އުޅެގެންކަން ވިޖޭ ފާހަގަކޮށްފައިވެ އެވެ. އަދި ފައިވާނަށް އަރައި އުޅެން ފަސޭހަ ކަމަށާއި، ބޭނުންވީމަ ކިތަންމެ ބޮޑު އިވެންޓަކަށްވެސް ފައިވާނަށް އަރާނެކަން ފާހަގަކޮށް، އޭނާ ވަނީ އެކަމުގައި އޮތް މައްސަލައަކީ ކޮބައިތޯ ނޫސްވެރިޔާ ގާތު ސުވާލުކޮށްފަ އެވެ.

"އުފަންވީސުރެ ބޭނުންކުރީ ފައިވާން. ބޮޑުވީވެސް ފައިވާނަށް އަރައިގެން. ދެން މިހާރު ފައިވާނަށް އެރީމަ ކޮބާ މައްސަލައަކީ؟ ފައިވާނަށް އެރީމަ އަސްލު މާ ފަސޭހަ." ވިޖޭ ބުނެފައިވެ އެވެ.