ބޮލީވުޑްގެ ފަންނާނު އަނަންޔާ ޕާންޑޭގެ ރަހުމަތްތެރިން އޭނާގެ ގެއަށް ގެނައުމުން ވާ ގޮތް އޭނާ ކިޔައިދީފި އެވެ.

އިންޑިއާގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޝޯއެއް ކަމަށްވާ 'ކޮމެޑީ ވިތް ކަރަން' ގައި ބައިވެރިވި ގެސްޓު ފަރާ ޚާން ކުރި ސުވާލެއްގައި އޭނާ ވަނީ އަނަންޔާ ގާތުގައި، ގެއަށް އަނަންޔާގެ ރަހުމަތްތެރިން ގެންދިއުމުން ވަނީ ކިހިނެއްތޯ ސުވާލުކޮށްފަ އެވެ.

ރައްދުގައި އަނަންޔާ ބުނީ، އޭނާގެ ގެއަށް ރަހުމަތްތެރިން ވަރަށް ގިނައިން ގެންދާކަމަށެވެ.

އެހެންނަމަވެސް ކޮންމެ ރަހުމަތްތެރިއަކު ވެސް އަނަންޔާގެ ބައްޕައާ ވާހަކަ ދައްކަން އިށީންނުމަށް ފަހު ބައްޕަގެ ހެއްވާ މަޖާ މިޒާޖަށް ގެއްލޭކަމަށް އޭނާ ބުނެފައިވެ އެވެ. އަދި ބައްޕައާ ޖެހުމުން އަނަންޔާ މަތިން އެއްވެސް ރަހުމަތްތެރިއަކު ހަނދާން ނުހުންނަކަމަށް އަނަންޔާ ބުނެފައިވެ އެވެ.

އަނަންޔާގެ ބައްޕަ ޗަންކީ ޕާންޑޭ އަކީ ބޮލީވުޑްގެ ފިލްމުތަކުގައި ކޮމެޑީ ރޯލުތަކުގައި ފެނިގެން ގޮސްފައިވާ ފަންނާނެކެވެ. ހަމައެހެންމެ އޭނާ އަކީ އޮފް ސްކްރީންގައިވެސް ހެއްވާ މަޖާ މިޒާޖެއްގެ ވެރިއެއް ކަމަށް ފާހަގަވެފައިވެ އެވެ.