ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މުލަކަތޮޅުގެ ފަސްރަށަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފި އެވެ.

ރައީސް މ. އަތޮޅަށް ކުރެވި މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ އެއަތޮޅު ރަތްމަންދޫ އަށެވެ. މީގެ އިތުރުން އެއަތޮޅު މަޑުއްވަރީ އާއި ދިއްގަރާއި ވޭވަށުގެ އިތުރުން އެއަތޮޅުގެ އަތޮޅުވެރިކަންކުރާ ރަށް، މުއްޔަށްވެސް އެމަނިކުފާނު ވަޑައިގެންނެވި އެވެ.

މިދަތުރުފުޅުގައި، ރައީސް، އެ ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވެވި އެވެ. އަދި ބައެއްރަށްރަށުގެ ރައްޔިތުންނާ ވެސް ބައްދަލުކުރެއްވެވިއެވެ. ރައީސްގެ މިދަތުރުފުޅުގައި ރަށްރަށުގައި ކުރިއަށްގެންދާ ޢުމުރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތްވެސް ވަނީ ބައްލަވާލައްވާފަ އެވެ.

މީގެ އިތުރުން ވޭވަށުގެ ބަނދަރާއި އެރަށުގައި އަލަށް އިމާރާތްކުރި އިންޖީނުގެއާއި އިންޖީނުގޭގެ އޮފީސް ހުޅުއްވައި ދެއްވައި، ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި އެވެ. ހަމަ އެއާއެކު ދިއްގަރުގެ ވޮލީކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި، ވޮލީ ކޯޓު ހުޅުވުމުގެ ގޮތުން ދިއްގަރު ވެޓެރެންސް ވޮލީ ޓީމާއި މޯލްޑިވްސް ވެޓެރެންސް ވޮލީޓީމު ބައްދަލުކުރި މެޗުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެން މޯލްޑިވްސް ވެޓެރެންސް ޓީމަށް ވަނީ ކުޅުއްވާފަ އެވެ.

ރައީސް މުލަކަތޮޅަށް ކުރެއްވި ރަސްމީ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.