ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ދައުވާއާ ގުޅިގެން މުހިންމު ލިޔުންތަކެއް ލިބިފައިނުވާތީ އެ ލިޔުންތައް ބަލައި، ދިރާސާކުރަން އިތުރު ފުރުސަތެއް ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.

މަނީ ލޯންޑްރިންގެ މައްސަލައެއްގައި ފަސް އަހަރަށް ޖަލަށްލާފައިވާ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެއް ދައުލަތުން އުފުލުމުން އެ މައްސަލަ ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.

އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީންގެ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ މުހިންމު ގިނަ ލިޔުންތަކެއް ދޭން ދައުލަތުން ދެކޮޅު ހަދާފައިވާތީ އެ ލިޔުންތައް ނުލިބޭ ކަމަށެވެ. އަދި ގިނަ އަދަދެއްގެ ލިޔުންތަކުގެ ޑިޖިޓަލް ކޮޕީ އާއި ވީޑިއޯ ފުޓޭޖްތަކެއް ބަލައި، ދިރާސާ ކުރަންޖެހޭ ކަމަށާއި ދައުވާއަށް ފުރިހަމައަށް ޖަވާބުދާރީ ވެވޭނީ އެއަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ހުރިހާ ލިޔުންތަކެއް ކޯޓު އަމުރެއްގެ ދަށުން ވެސް ހޯދައި ދިނުމަށާއި އަދި އޭގެފަހުން އެ ލިޔުންތައް ބަލައި، ދިރާސާ ކުރަން މަދުވެގެން 15 ދުވަހުގެ މުއްދަތެއް ދޭން އޭނާ އެދިވަޑައިގަތެވެ.

ދައުލަތުން ބުނީ ނުދީ ހުރި ލިޔުންތަކަކީ ސިއްރުކުރަން އެދޭ ބައެއް ލިޔުންތަކާއި އިދާރީ ބޭނުމަށް ބޭނުންކުރާ ބައެއް ލިޔުންތައް ކަމަށެވެ. އެފަދަ ލިޔުންތައް ދޭން ނުޖެހޭނެ ކަމަށާއި ދޫކުރެވެން ހުރި ހުރިހާ ލިޔުމެއް ދޫކޮށްފައިވާނެ ކަމަށް ދައުލަތުން ބުންޏެވެ. އަދި ދެން ނުލިބި ހުރި ލިޔުންތަކަކީ ދައުލަތަށް ވެސް ނުލިބޭ ބައެއް ލިޔުންތައް ކަމަށް ދައުލަތުން ބުންޏެވެ. އަދި ޔާމީނަށް ޖަލުގައި ވަކީލުންނާ ބައްދަލު ކުރުމަށާއި ޖަލުގައި ލިޔުންތައް ދިރާސާ ކުރަން ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާނެ ކަމަށް ދައުލަތުން ބުންޏެވެ.

އެކަމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ޖިނާއީ ޝަރީޢަތްތަކުގައި ލިޔުންތަކާއި ހެކި ހާމަކުރަންޖެހެނީ އެއީ ތަހުގީގުގެ ތެރޭގައި ހޯދިފައިވާ ހެއްކަށް ވެފައި އެއީ ދައުވާގެ މަރުހަލާގެ ތެރޭގައި ބޭނުންކުރާ އެއްޗަށް ވާނަމަ ކަމުގައެވެ. އަދި ދިފާއުން އެދޭހާ އެއްޗަކީ ހާމަކުރަން ޖެހޭ އެއްޗެއް ނޫން ކަމުގައިވެސް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރަށް ދިފާއުން އެނޫން ހެކި ހާމަކުރަން އެދުމަކީ "ނާގާބިލު" ދިފާއީ ވަކީލުން ވަރަށް ގިނައިން ހަދާ ގޯހެއް ކަމުގައި ވިދާޅުވެ، ރައީސް ޔާމީނުގެ ދިފާއީ ވަކީލުންނަށް ޝަމީމުވަނީ މަލާމާތް ކުރައްވާފަ އެވެ. މީގެ ކުރިން ވެސް ސިއްރު ހެކިބަހާ ގުޅޭ ގޮތުން ހައިކޯޓުން ނިންމި ނިންމުމަކާ ގުޅިގެން ހައިކޯޓުގެ ފަނޑިޔާރުންނަށް ވެސް އެފަދަ ބަސްފުޅެއް ޝަމީމުވަނީ ރައްދުކުރައްވާފަ އެވެ.

ޔާމީން ވިދާޅުވީ ބައެއް ފަހަރު ވަކީލުން ބައްދަލުވުންތަކަށް އެދުމުން ކަރެކްޝަންސް އިން ޖަވާބު ދެނީ ލަހުން ކަމަށާއި އެހެންވުމުން ބައެއް ބައްދަލުވުންތައް ކެންސަލް ކުރަންޖެހޭ ކަމަށެވެ. އަދި އިތުރު 15 ދުވަހުގެ މުއްދަތެއް ބޭނުންވަނީ ލިޔުންތައް ލިބުމަށް ފަހު ކަމަށާއި އެ މުއްދަތުގައި ލިޔުންތައް ދިރާސާކުރަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ އިތުރު 15 ދުވަހުގެ ފުރުސަތެއް ދެއްވާނެ ކަމަށާއި އެކަމަކު މައްސަލަ ކުރިއަށް ގެންދިއުމުގައި ދެ ފަރާތުގެ އެއްބާރުލުން ބޭނުންވާނެ ކަމަށެވެ. އަދި މިމަހުގެ 15 ދުވަހުގެ ނިޔަލަށް ޖަލުގައި އެކަށީގެންވާ ވަގުތު ބައްދަލު ކުރަން ނުލިބޭ ނަމަ، އެކަން ކޯޓަށް އަންގަން އިސް ގާޒީ އެދިވަޑައިގަތެވެ.

އިސް ގާޒީ ވިދާޅުވީ އެ މައްސަލާގެ ދެން އޮންނަ އަޑުއެހުން އަންނަ މަހު ބާއްވާނެ ކަމަށެވެ.