މި ސަރުކާރުން ރާއްޖެއަށް ގެނެސްފައިވާ ތަރައްގީ އާއި ކުރިއެރުން ރައްޔިތުން ބަލައިގެންފައިވާ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބު ކުރާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވެފައިވަނީ އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ޕްރިންޓް"އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

މި އިންޓަވިއުގައި ޝާހިދު ވިދާޅުވީ ރައީސް ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބު ވެވަޑައިގަންނަވާނެ ކަމަށާއި އެމަނިކުފާނުގެ ލީޑާޝިޕްގެ ދަށުން ކޮށްދީފައިވާ ރަނގަޅު ކަންކަން ރައްޔިތުން ބަލައިގެންފައިވާ ކަމަށެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަލުން އިންތިހާބު ކުރާނެ، ރާއްޖޭގެ ރައްޔިތުންނަށް ވަނީ އެމަނިކުފާނުގެ މަސައްކަތްތަކުގެ ހެޔޮ ނަތީޖާއެއް ލިބިފައި. އެމަނިކުފާނުގެ ހަރުދަނާ ލީޑާޝިޕް ދިވެހިން ބަލައިގަންނާނެ،" ޝާހިދު ވިދާޅުވި އެވެ.

މި އިންޓަވިއުގައި ޝާހިދު ވަނީ އިންޑިއާ އަދި ރާއްޖެއާ ދެމެދުއޮތް ގާތް ގުޅުމަށް އަލިއަޅުވާލާ ވާހަކަ ދައްކަވައިފަ އެވެ.

އ.ދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްގެ މަގާމު ވެސް ފުރުއްވަމުން އަންނަ ޝާހިދު މި އިންޓަވިއުގައި ވަނީ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ހިންގަމުން އަންނަ "އިންޑިއާ އައުޓް" ހަރަކާތާ ގުޅޭގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ.

އެގޮތުން ޝާހިދު ވިދާޅުވީ، "އިންޑިއާ އައުޓް" ހަރަކާތް ހިންގަމުން އަންނަނީ ތަރައްގީގެ އެޖެންޑާއެއް ނެތް އިދިކޮޅު ފަރާތްތަކުން ކަމަށެވެ. އަދި މި ހަރަކާތް ކުރިއަށް ގެންދަނީ ރައްޔިތުންނަށް ވިއްކާނެ އިތުރު އެއްޗެއް ނެތުމުން ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"އެކަމުގެ ބޭނުމަކީ ރާއްޖޭގެ އެންމެ ގާތް އެކުވެރިޔާއާ މެދު ނަފްރަތާއި ފިތުނަ އުފައްދައި ދެ ގައުމު ޖެއްސުން،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު މިހެން ވިދާޅުވި އިރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން މީގެކުރިން ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ހާމަކުރައްވައިފަ އެވެ. އަދި ރައީސް ނަޝީދު ވަނީ އެމްޑީޕީ ޕްރައިމަރީގައި އެ މަނިކުފާނާއި ރައީސް ސޯލިހްގެ އިތުރުން ތިން ވަނަ ފަރާތެއް ވާދަކުރެއްވުން މުހިންމުކަން ފާހަގަކޮށް ޝާހިދަކީ އެފަދަ ކަމަކަށް ކުފޫ ހަމަވާ ބޭފުޅެއް ކަމަށް ވިދާޅުވެފަ އެވެ.

މިހާރު ހުރި ތާރީހުތަކަށް ބަލާއިރު އެމްޑީޕީގެ ޕްރައިމަރީ އަންނަ މަހުގެ ތެރޭގައި ބާއްވަން އެ ޕާޓީން އޮތީ ވިސްނައިފަ އެވެ. އެކަމަކު އަދި އެ ތާރީހު ފައިނަލެއް ނުވެ އެވެ.