އިންސާފު ގާއިމުކުރުމުގެ ޒިންމާއަކީ ދައުލަތުން، ގާނޫނު ތަންފީޒުކުރާ މީހުންނާ މަތިކޮށްފައިވާ ޒިންމާއެއް ކަމަށާއި އެޒިންމާ ތިމާ އަމިއްލައަށް ނެގުމަކީ ނުރައްކާތެރި އަދި ގާނޫނީ ގޮތުންނާއި ދީނީ ގޮތުން މަނާ ކަމެއް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕީޖީ ޝަމީމްގެ އަމިއްލަ ބްލޮގްގައި ލިޔުއްވާފައިވާ ލިޔުމެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ގާނޫނީ ނިޒާމު ބިނާވެފައި އޮތީ، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. ގާނޫނު ތަންފީޒުކުރާ މީހާ ތަންފީޒުކުރަން ޖެހެނީ، ރައްޔިތުންގެ މަޖިލީހުން ހަދާފައިވާ ގާނޫނަކީ އިސްލާމީ އުސޫލުތަކާއި އެއްގޮތް ގާނޫނެއް ކަމަށް ބަލައިގެން ކަމަށްވެސް ޝަމީމް ވިދާޅުވި އެވެ.

ގާނޫނެއް މަޖިލީހުން ފާސްކޮށްފިނަމަ އެ ގާނޫނެއް ބާތިލު ކުރުމަށް އަމަލު ކުރަންޖެހޭގޮތްވެސް ގާނޫނުގައި ބަޔާންވެފައިވާކަން ޕީޖީ ފާހަގަ ކުރެއްވި އެވެ. އަދި އެގާނޫނަކީ އިސްލާމްދީނާ ހިލާފު ގާނޫނެއްކަމަށް ކޯޓަކުން ކަނޑަނާޅާހާ ހިނދަކު، ރައްޔިތުންނަށް އޮތީ ގާނޫނުގައިވާ ގޮތުގެ މަތިން އުޅުން ކަމަށް ޝަމީމް ލިޔުއްވާފައިވެ އެވެ.

"ގާނޫނު ތަންފީޒުކުރާ މީހާ ތަންފީޒު ކުރަން ޖެހެނީ، ރައްޔިތުންގެ މަޖިލީހުން ހަދާފައިވާ ގާނޫނަކީ އިސްލާމީ އުސޫލުތަކާ އެއްގޮތް ގާނޫނެއް ކަމަށް ބަލައިގެންނެވެ. ގާނޫނު ތަންފީޒުކުރަން ޖެހޭ ހަމަ ކޮންމެ ފަހަރަކު، އެ ގާނޫނަކީ ރަނގަޅު ގާނޫނެއްތޯ ނުވަތަ ނޫންތޯ ބެލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނު ރަނގަޅު ނޫން ނަމަ، ކޯޓުން އެކަމަށް ގޮތެއް ނިންމާނެއެވެ." ޝަމީމް ވިދާޅުވެފައިވެ އެވެ.

ކީރިތި ގުރުއާނާއި އިސްލާމީ ތާރީޚުން ބައެއް މިސާލުތައް ދައްކަމުން ޝަމީމް ވިދާޅުވެފައިވަނީ މީހަކު ކުރާކަމަށް ތިމާއަށް ގަބޫލުކުރެވޭ ނުވަތަ މީހަކު ތުހުމަތުކުރާ ކަމެއްގެ ސަބަބުން، އެ މީހަކު ދެކެ ތިމާ އަންނަ ރުޅިއަކީ ނުވަތަ ކުރާ ނަފްރަތަކީ، ގާނޫނުތަކުގައި ކަނޑައަޅާފައިވާ ހަމަތަކުން ބޭރުން މީހުންނާ މެދު އަމަލުކުރުން ދީނީ ގޮތުންނާއި ގާނޫނީ ގޮތުން ވެސް ހުއްދަކުރާ ކަމެއް ނޫނެވެ. ކުށްކުރާ މީހުންނާމެދު އަމަލުކުރާނެ ގޮތް ގާނޫނުގައި ބަޔާންކޮށްފައިވާކަމަށާއި، މިނިޒާމު ރަނގަޅު ނޫންނަމަ، ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ބަދަލު ގެންނަންވީ ކަމަށްވެސް ޝަމީމް ވިދާޅުވި އެވެ.

"ކަން މިގޮތަށް ހަމަޖެހިފައިވަނީ އެތައް އެތައް މަސްލަހަތެއް ހިމާޔަތް ކުރުމަށެވެ. މިސާލަކަށް، ބަޔަކު މީހުން، ވަކި މިވެނި މީހަކީ ވަގެއް ކަމަށް ބުނެ، އެމީހަކަށް އަނިޔާކުރަން ގޮވާލަފާނެ އެވެ. އޭނާ އަކީ ވަގެއްތޯ ނުވަތަ ނޫންތޯ ބެލުން، އިސްލާމީ ދައުލަތެއްގައި އޮތީ ގާނޫނީ ނިޒާމާ މަތިކޮށްފަ އެވެ." ޝަމީމް ލިޔުއްވާފައިވެ އެވެ.

އިސްލާމީ ޖިނާއީ އަދުލުގެ ނިޒާމުގައި ވަކި ހަމަތަކެއް ބަޔާން ކޮށްފައިވާކަން ފާހަގަކޮށް ޝަމީމް ވިދާޅުވެފައިވަނީ އިސްލާމްދީނުގެ ހަމައަކީ ހަމައެކަނި ނަތީޖާއެއް ހާސިލުކުރުން ނޫން ކަމަށާއި، ނަތީޖާއަށް ވާސިލުވި ގޮތަކީވެސް މުހިންމު ކަމެއް ކަމަށެވެ.

"އުމަރުގެފާނުގެ ހިލާފަތުގައި، ގެއެއްގައި ބަޔަކު ފާހިޝް އަމަލެއް ހިންގާކަމުގެ ހަބަރު އެކަލޭގެފާނަށް ލިބިވަޑައިގެން، އެގޭ ވެރިފަރާތުގެ ހުއްދަ ނެތި، އެގެއަށް ވެންނެވިކަމަށްވޭ. އެވަގުތު، ކުށްކުރާން ތިބި މީހުން، ކުށްކުރުން މަތީގައި ތިއްބާ ފެނިވަޑައިގަތް. އެވަގުތު، ތުހުމަތު ކުރެވުނު މީހާ، އުމަރުގެފާނާ މުހާތަބުކޮށް، ކަލޭގެފާނު މިގެއަށް ތިޔަ ވެންނެވީ، މިގޭ ވެރިފަރާތުގެ ހުއްދަ ނެތިނޫންތޯ އެއްސެވި. ހަމައެއާއެކު، ޢުމަރުގެފާނު އެގެއިން ނުކުމެގެން ވަޑައިގެންނެވި. ކުށްކުރާ މަންޒަރު ފެނިވަޑައިގެންފައިވެސް، އަދަބެއް ދެވެން ނެތީ، އުމަރުގެފާނަށް އިޖުރާއަތު ފުރިހަމަ ކުރެވިފައި ނެތުމުން،" ޝަމީމްގެ ލިޔުމުގައި ވިދާޅުވެފައިވެ އެވެ.

މިފަދަ ގޮތަކަށް ޝަމީމްގެ އަމިއްލަ ބްލޮގުގައި ލިޔުއްވާފައިވާއިރު، ފަހަކަށްއައިސް ކުށްތަކަށް އަރައިގަންނަކަމަށް ތުހުމަތު ކުރެވޭ މީހުން، ފުލުހުންނަށް ހަވާލުކުރުމުގެ ކުރިން އަނިޔާކޮށް މާރާމާރި ހިންގުމުގެ މައްސަލަ ވަނީ އިތުރުވެފަ އެވެ.