ބެއިޖިންގް (05 ސެޕްޓެމްބަރު) - ކަށީގެ ބަދަލުގައި ނޭފަތުން ދަމައިގެން ބޭނުންކުރާ ކޮވިޑް ވެކްސިންއަކަށް ހުއްދަދިން ދުނިޔޭގެ ފުރަތަމަ ގައުމަކަށް ޗައިނާ ވެއްޖެ އެވެ.

ކެންސީނޯ ބައޮލޮޖިކްސްގެ އޭޑީ 5-އެންކޯވް ވެކްސިންއަށް ޗައިނާއިން ހުއްދަ ދިނުމާއެކު ބާޒާރުގައި އެކުންފުނީގެ ހިއްސާގެ އަގު ވަނީ 14.5 ޕަސެެންޓް އުފުލިފަ އެވެ.

ކެންސީނޯ ބައޮލޮޖިކްސްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޗައިނާގެ ނެޝަނަލް މެޑިކަލް ޕްރޮޑަކްޓް އެޑްމިނިސްޓްރޭޝަނުން އެކުންފުނީގެ ވެކްސިންއަށް ހުއްދަ ދީފައިވަނީ އެމަޖެންސީ ބޫސްޓާ ޑޯޒެއްގެ ގޮތުގައި ކަމަށެވެ.

މި ވެކްސިންއަކީ 2021 ވަނަ އަހަރު އެކުންފުނިން ނެރުނު ވަން ޝޮޓް ވެކްސިންގެ އާ ވައްތަރެކެވެ. ކުރީގެ ވެކްސިން ބޭނުންކުރި ގައުމުތަކުގެ ތެރޭގައި ޗައިނާގެ އިތުރުން މެކްސިކޯއާއި ޕާކިސްތާނު ވެސް ހިމެނެ އެވެ.

ނޭފަތުން ދަމާ ކޮވިޑް 19ގެ މި ވެކްސިންއަކީ ނޭވާލާ ނިޒާމުގެ ތެރެއިން ކޮވިޑްއަށް ރައްކާތެރިކަން ހޯދައިދޭ ވެކްސިންއަކަށް ހުއްދަ ލިބުނު ފުރަތަމަ ވެކްސިނެވެ.

ކަށީގެ ބޭނުންނުކޮށް ކޮވިޑް ވެކްސިން ތަރައްގީކުރުމަށް ކުންފުނިތަކުން މަސައްކަތް ކުރަމުން އަންނައިރު މިއީ ނޭވާލާ ނިޒާމުގައި ވެކްސިންގެ އަސަރު ހިފަހައްޓައި ކޮވިޑް 19އިން އިތުރު ރައްކާތެރިކަން ލިބިދޭނެ ވެކްސިންއެއް ކަމަށް ބުނެވެ އެވެ.

މީގެ ކުރިން ކެންސީނޯއިން އުފެއްދި ކަށިން ޖަހާ ވެކްސިންގެ ކާމިޔާބީގެ ރޭޓު އުޅުނީ 66 ޕަސެންޓްގަ އެވެ. އެ ވެކްސިންގައި އެސްޓްރަޒެނެކާ އަދި ފައިޒާގެ ސިފަތައް އެކުލެވެ އެވެ. -- ދަ ސްޓްރެއިޓް ޓައިމްސް