ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން ގެންދާ ރަށްރަށާއި ގްރޭޓާ މާލޭ ސަރަހައްދުގައި ވިޔަފާރިތަކަށް ބިލްކުރަމުން ގެންދާ ރޭޓާއި ބޭންޑުކުރުންތަކުގައި ގެންގުޅޭ ތަފާތުތައް ނައްތާލާއި ބޭންޑާއި ރޭޓް ހަމަހަމަކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

މި ގަރާރު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އެވެ.

ގަރާރު ހުށަހަޅުއްވަމުން ޝިޔާން ވިދާޅުވީ ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތްދޭ އއ، އދ، ކ އަދި ވ. އަތޮޅުގެ ރަށްތަކާއި އަދި ފެނަކައިން ހިދުމަތް ދޭ ރަށްތަކުގައި ވިޔަފާރިތަކަށް ކަރަންޓު ބިލުކުރާ ވަރު ވަރަށް ބޮޑު ކަމަށެވެ. އަދި އޭގެ ޝަކުވާ އެ ސަރަހައްދުގެ ގެސްޓް ހައުސްތަކާއި ޑައިވް ސެންޓަރުތަކާއި އަދި ހޮޓާ ރެސްޓޯރެންޓްތަކުން ކުރާ ކަމަށް ބުނެފައިވެ އެވެ.

އަދި މިކަމުގެ ސަބަބުން އެ ފަރާތްތަކުގެ ވިޔަފާރި ހިންގުމަށްޓަކައި މުވައްޒަފުންނަށް މުސާރަ ދިނުމާއި ޓެކްސް ދެއްކުމުގެ އިތުރުން ކަރަންޓުގެ އަގު ބޮޑުކުރުމުގެ ސަބަބުން ބިލްތައް ދެއްކުމަށް ފަހު ވިޔަފާރީގެ ފައިދާގެ މިންވަރަށް ފައިސާ ނުހުންނަކަމާއި ވިޔަފާރިތައް ހިންގަމުން ގެންދަނީ ގެއްލުމުގައިކަން އެފަރާތްތަކުން ފާހަގަކުރާކަމަށާއި އެތަފާތުކުރުންތައް ނައްތާލާ ހަމަހަމަކުރުމަކީ އެކި ފޯރަމްތަކުގައި އެފަރާތްތަކުން ވަކާލާތުކޮށް ކަންބޮޑުވުން ފާޅުކުރަމުން ގެންދާ ކަމެއްކަމަށް ޝިޔާން ވިދާޅުވި އެވެ.

ޝިޔާން ވިދާޅުވީ ތަފާތުކުރުން ނައްތާލުމަކީ މުހިއްމު ކަމެއްކަމަށް ދެކެވަޑައިގަންނަވާކަމަށެވެ. އަދި ގްރޭޓަރ މާލެ ސަރަހައްދާއި އަތޮޅު ތެރޭގައި ސްޓެލްކޯ އަދި ފެނަކައިން ހިދުމަތްދޭ ރަށްރަށުގެ ވިޔަފާރިތަކަށް ކަނޑައަޅާފައިވާ ބޭންޑުތަކާއި ރޭޓުތައް ހަމަހަމަކުރުމާއި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމުގައި ޔޫޓިލިޓީ ރެގިއުލޭރިޓީ އޮތޯރިޓީން މިހާރު ހަދާފައިވާ ޔޫސޭޖް ކޯޓާ އެކީ ނައްތާލައި ރަށްރަށުގެ ވިޔަފާރިތަކަށް ކަރަންޓުބިލުން މާލެއާ ހަމަހަމަނުކުރެވޭ ނަމަ ޓެކްސްގެ ލުއިފަސޭހަކަމެއް ދިނުމަކީ ކުދި ވިޔަފާރިވެރިންގެ އެ ކަންބޮޑުވުންތަކެއް ހަލެއް ލިބިގެންދާނެ ކަމަކަށް ވާނެކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.