ވ. އާރަށުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ޝަރީއަތުގައި ދައުލަތުގެ ވަކީލުން ސަކަރާތް ޖަހާތީ އެކަން ތަކުރާރުކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލު ދެއްވައިފި އެވެ.

އާރަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނަތްތެރިވިކަމުގެ ތުހުމަތުގައި ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑާކުރުމާއި ރިޝްވަތު ގަބޫލުކުރިކަމުގެ ކުށުގެ ދައުވާ އެވެ.

މި ދައުވާގައި ބުނެފައިވަނީ އާރަށް ކުށްޔަށް ދިނުމުން ރައީސް ޔާމީނަށް އެއްމިލިޔަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ޔޫސުފް ނައީމް ދެއްވި ކަމަށެވެ.

މި މައްސަލާގައި މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމެވެ. މިއަދު ޔާމީންގެ ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހެޅީ މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި ދައުލަތުން ކުރާ ބައެއް ސުވާލުތަކަށް ދިފާއުން އިއުތިރާޒު ނަންގަވައި ތަކުރާރުކޮށް ހެކިވެރިޔާއަށް ދައުލަތުގެ ވަކީލުން "ފުރައްސާރަ ކުރަމުންދާ" ކަމަށް ވިދާޅުވި އެވެ.

ދިފާއުގެ އިއުތިރާޒުތަކާ ގުޅިގެން ޝަރީއަތުން ވަނީ، ހެކިންނާ ސުވާލުކުރުމުގައި ވަކީލުން އަމަލުކުރަން ޖެހޭ ގޮތް ހުރިހާ ވަކީލުންނަށް ވެސް ސާފުވާނެ ކަމަށާއި އޭގެ ބޭރުން އަމަލުނުކުރެއްވުމަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.

ދިފާއުގެ އިއުތިރާޒު ނެގުމާ އެކު ދައުލަތުގެ ފަރާތުން ވަޑައިގެން އިންނެވި ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ މަރްޔަމް ޝަހުމާ ހޭން ފައްޓަވަ އެވެ. އަދި ހުނުން ކޮންޓްރޯލް ކުރުމަށް އަނގަތީގައި އަތް އަޅުއްވާ މަންޒަރާއި ވަކީލު ނައުފަލްގެ އަތުގައި ކޮއްޓަވާލައްވައި ވާހަކައެއް ވިދާޅުވުމަށް ފަހު އަނެއްކާވެސް ހުނުން ކޮންޓްރޯލް ކުރައްވަން އުޅުއްވާ މަންޒަރު ފެނެ އެވެ. އަދި ނައުފަލްގެ މޫނުމަތިން ވެސް ހިނިތުންވުން ފެނެ އެވެ.

ދައުލަތުގެ ވަކީލުންގެ އެ އަމަލާ ގުޅިގެން ގާޒީ ޝަކީލް ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފަ އެވެ.

އިސްގާޒީ ޝަކީލް ވިދާޅުވީ ޝަރީއަތުގެ މަޖިލީހަކީ ހީ، ސަކާރާތް ޖަހާ މަޖިލީހެއް ނޫން ކަމަށާއި ވަކީލުންގެ ގޮތުގައި ތިބެ އެކަން ތަކުރާރު ކުރާނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

"ދައުލަތުގެ ވަކީލުން، މިއީ ހީ ސަކަރާތް ޖަހާ މަޖިލީހެއް ނޫން އިނގޭތޯ. އެއް ބޭފުޅަކު އަނެއް ބޭފުޅަކު ކޮއްޓާ، ހީ ސަރަކާތް ޖަހާ މަޖިލީހެއް ނޫން މިއީ. އެފަދަ ކަމެއް ކުރައްވާ ނަމަ ޝަރީއަތުގެ މަޖިލީހުން ޖެހޭނީ އެ ވަކީލަކާ ދޭތެރޭގައި ފިޔަވަޅު އަޅާފައި، އެ ވަގުތަކު ޝަރީއަތުން އަމަލު ކުރަންޖެހޭ ގޮތަކަށް އަމަލުކުރަން،" އިސް ގާޒީ ޝަކީލު ވިދާޅުވި އެވެ.

ހެކިބަސް ނަގަމުން ދިޔައިރު، ދައުލަތުގެ އެއް ވަކީލަކު، އަނެއް ވަކީލުގެ އަތުގައި ކޮއްޓައި، ހީ، ސަމާސާކުރާ މަންޒަރު ފެނިފަ ވީޑިއޯއެއް މިހާރު އަންނަނީ ސޯޝަލް މީޑިއާގައިވެސް ދައުރުވަމުންނެވެ. މިކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ދައުލަތުގެ ވަކީލުންނަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. މިއީ މިހާރަކަށް އައިސް އަބަދު ފެންނަ މަންޒަރެއް ކަމަށް ވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މައްސަލައިގާ މިއަދު ނަރީޝްގެ ހެކިބަސް ނަގާފައިވާއިރު އަދިވެސް ދިފާއުން ގިނަ ހެކިތަކެއް ހުށަހަޅާފައި އެބަހުއްޓެވެ.

މައްސަލައިގާ އިއްޔެ ވަނީ ދައުލަތުން ހުށަހަޅާފައިވާ އެންމެ ފަހު ދެ ހެކިވެރިންގެ ހެކިބަސް ނަގާ ނިންމާލާފައެވެ. އިއްޔެ ހެކިބަސް ދެއްވީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތެވެ.