ކޮވިޑް 19 އިން ރައްކާތެރި ވުމަށް ޖަހާ ވެކްސިންގެ ސަބަބުން އަންހެނުންގެ މައްސަރު ކަންކަމަށް ބަދަލު އަންނަ ކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފި އެވެ.

ބީއެމްއޭ މެޑިސިން ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނެފައިވަނީ ވެކްސިން ޖަހާފައިވާ އަންހެނުންނަށް މައްސަރު ކަންތައް ޖެހުން އެވްރެޖް ގޮތެއްގައި ވެކްސިން ނުޖަހާ މީހުންނަށްވުރެ އެއް ދުވަސް ލަސް ކަމަށެވެ.

އޭގެ އިތުރުން ވެކްސިން ޖެހުމުގެ ކުރިން މައްސަރު ކަންތައް ދިގުލާ މުއްދަތު ވެސް ވެކްސިން ޖެހުމަށްފަހު އެވްރެޖް ގޮތެއްގައި 0.71 ދުވަސް އިތުރުވެފައިވާ ކަމަށް ދިރާސާގައި ހާމަކޮށްފައިވެ އެވެ.

އެހެން ނަމަވެސް ވެކްސިންއާ ގުޅިފައިވާ އެހެން ކަންކަމާ އެއްގޮތަށް މިކަމަކީ ވެސް ވަގުތީ ކަމެއް ކަމަށާއި ވެކްސިން ޖެހުމަށް ފަހު އެއްމަސް ފަހުން މައްސަރު ކަންތައް ހަމައަކަށް އެޅޭ ކަމަށް ވެސް ދިރާސާގައި ބުނެފައިވެ އެވެ.

މައްސަރު ކަންތައް ޖެހުން ލަސްވާ ނަމަވެސް ކޮވިޑް ވެކްސިންގެ ސަބަބުން ދަރިމައިވުމަށް އެއްވެސް ކަހަލަ އުނދަގުލެއް ދިމާވާ ކަމަށް މި ދިރާސާއިން ހާމަވެފައެއް ނުވެ އެވެ.

ކޮވިޑް ވެކްސިންއިން އަންހެނާގެ ދަރިމައިވުމުގެ ނިޒާމަށް އަންނަ ބަދަލުތައް މިހާތަނަށް ދެނެގަނެވިފައި ނުވި ނަމަވެސް މިކަމާ ގުޅިގެން އިތުރު ދިރާސާތައް ކުރަން ޖެހޭ ކަމަށް ސައިންސްވެރިން ބުނެ އެވެ.

ކޮވިޑް ވެކްސިން ޖެހުމަށް ފަހު މައްސަރު ކަންތަކަށް ބަދަލު އައިސްފައިވާ ކަމަށް ގިނަ އަންހެނުން ބުނެފައިވެ އެވެ.