އިންޑިއާގެ ޓުޓްކޮރިންއިން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި ބޯޓުން ކަނޑުވި ހަތް މީހުންގެ ތެރެއިން އެކަކު މަރުވެއްޖެ އެވެ.

ބަންޑުން ޖަހާލި ބޯޓުން ކަނޑުވި ހަތް މީހުންގެ ތެރެއިން މަރުވެފައި ވަނީ ގެއްލިގެން ހޯދަމުންދަނިކޮށް ފެނުނު 59 އަހަރުގެ ފިރިހެނެކެވެ. އައިޖީއެމްއެޗުން ބުނީ އޭނާ ހޮސްޕިޓަލަށް ގެނައިރު ވެސް މަރުވެފައިވާ ކަމަށެވެ.

އިންޑިއާގެ ޓުޓްކޮރިންއިން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި ބޯޓުން ކަނޑުވި ހަތް މީހުންގެ ތެރެއިން ހަ މީހުން މިހާރު ވަނީ މާލެ ގެނެސްފަ އެވެ.

މި ބޯޓު ބަންޑުން ޖަހާލީ އިންޑިއާގެ ޓުޓްކޮރިންއިން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް މޫސުމް ގޯސްވެ، ކ. ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލް ބޭރުން މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.

އެމްއެންޑީއެފްއިން ބުނީ އެ ބޯޓުން ބަންޑުން ޖަހާލުމާއި ގުޅިގެން ކަނޑުވި މީހުން މާލެ ގެނެސްދީފައި ވަނީ އެ ބޯޓު އަޑިއަށް ދިޔަ ސަރަހައްދުން ދަތުރުކުރަމުންދިޔަ "އެމްވީ ބަރަދުވާޖް" ނަމަކަށް ކިޔާ ބޯޓުގައި ރޭ 11:45 ހާއިރު ކަމަށެވެ.

އިންޑިޔާގެ އެ ހަ ފަޅުވެރިން މާލެ ގެނައިރު އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްްއެންޑީއެފްއިން ބުނެފައިވެ އެވެ. އަދި ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކުން އެ މީހުންނާ ގުޅުންހުރި ކަންކަން ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.

ހަތް މީހުންނާއެކު ދަތުރުކުރި މި ބޯޓުން ގެއްލުނުކަމަށް ބެލެވޭ މީހާ ހޯދުމުގެ މަސައްކަތްކުރަމުން ދަނިކޮށް، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ "ހަކުރާ" ލޯންޗަށް އެ މީހާ ފެނިފައި ވަނީ އިއްޔެ ހަވީރު 5:25 ހާއިރު އެވެ.