ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން ބޮޑު ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅު ފައްޓަވައިފި އެވެ.

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން ހއ.އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި އެ އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެން ޕީޕީއެމްގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާނެ އެވެ.

ރައީސް ޔާމީންގެ މިދަތުރުފުޅު ފަށާފައިވަނީ ހަނިމާދޫއިންނެވެ. ހަނިމާދޫ އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޕީޕީއެމްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ތިއްބެވެ.

އަދި އެ ރަށުގައި ތިބި ޕީޕީއެމްގެ ސަޕޯޓަރުންނާއި އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފާ އެވެ.

ރައީސް ޔާމީން ހއ. ގެ 5 ރަށަކަށް ކުރައްވަން ހަމަޖެހިފައިވާ މިދަތުގައި ހއ. ކެލާ، ހއ. ބާރަށް، ހއ. ދިއްދޫ، ހއ. އިހަވަންދޫ އަދި ހއ. ތުރާކުނަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ހއ.އަތޮޅުން ރައީސް ޔާމިން އެންމެ ފުރަތަމަ ވަޑައިގަންނަވާނީ އިހަވަންދޫއަށެވެ. އަދި އެރަށުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ހާއްސަ ޖަލްސާއެއް އޮންނާނެ ކަމަށް ޕީޕީއެމުން މައުލޫމާތުދެ އެވެ.

ރައީސް ޔާމީން ހއ.ގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ވެސް މުހިއްމު އެއް ކަމަކަށް އޮތީ 2023 އަށް ޕީޕީއެމްގެ މެނިފެސްޓޯ ތައްޔާރުކުރުމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމެވެ. ޒުވާނުންނާއި އަންހެނުންނާއި މަސްވެރިންނާއި ސަރުކާރު ހިންގުމުގެ ދާއިރާއަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން މި ދަތުރުފުޅުތަކުގައި ހިޔާލު ހޯއްދެވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން މެމްބަރުންނާ ބައްދަލުކުރައްވަން ރައީސް ޔާމީން ކުރައްވާ ދެވަނަ ދަތުރުފުޅެވެ. އެންމެ ފުރަތަމަ ވަޑައިގަތީ ދ. ކުޑަހުވަދު އަށެވެ.