ވޯލްޑް ބޭންކުން ނެރެފައިވާ ރިޕޯޓެއްގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ހިޔާ ފްލެޓާ ގުޅޭ ގޮތުން ހިމަނާފައިވާ ވާހަކަތަކަށް އެ މަޝްރޫއު ކުރިއަށް ގެންދިޔަ ކުރީގެ ރައީސް އަބްދުﷲ ޔާމީން ރައްދު ދެއްވައިފި އެވެ.

މިހާރު ބޮޑު ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހއ. ތުރާކުނަށް ވަޑައިގެން އެރަށުގައި ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އުސް އިމާރާތްތަކުގައި ދިރިއުޅެން ޖެހޭނީ ވަކި ގައުމަކަށް ނިސްބަތްވާ ބައެއް ނޫން ކަމަށެވެ. އަދި ދިވެހިން އުޅެން ބޭނުންވާ ވައްޓަފާޅި އެނގޭނީ ހަމަ ދިވެހިންނަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ހިޔާ މަޝްރޫއާ ގުޅޭ ގޮތުން ވޯލްޑް ބޭންކުން ފާހަގަކުރި ކަންކަމަށް އިޝާރާތް ކުރައްވައި ޔާމީން އިތުރަށް ވިދާޅުވީ ހިޔާގައި ދިރިއުޅޭ މީހުންގެ އަތުން ބަރާބަރަށް ކުލި ނަގައިގެން ލޯނު އަދާ ކުރެވޭނެ ކަމަށެވެ. އަދި އެ މީހުން ކުލި ނުދޭން އުޅެނީ ކީއްވެތޯ ވިސްނާލަން ޖެހޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"ކޮންމެ އަހަރަކު އެތައް މިލިއަން ޑޮލަރެއް ފައިދާ ނަގާ ރިސޯޓު ހިންގާ މީހުން އެއް ބަޔަކު އެބަތިބި މީރާ އަށް ދައްކަންވާ ޓެކްސް ނުދައްކާ. އެއީކީ މައްސަލައެއް ނޫން، އެކަމަކު ބޯހިޔާވަހިކަން ނެތިގެން އުޅޭ އެންމެ ނިކަމެތިން ފައިސާ ނުދެއްކީމާ މި ބުނަނީ މިއީ އިގްތިސާދީ ގޮތުން ދެކޮޅު ޖެއްސޭނެ ކަމެއް ނޫނޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ކޮންމެ އަހަރަކު އެތައް މިލިއަން ޑޮލަރެއް ފައިދާ ނަގާ ރިސޯޓު ހިންގާ މީހުން އެއް ބަޔަކު އެބަތިބި މީރާ އަށް ދައްކަންވާ ޓެކްސް ނުދައްކާ. އެއީކީ މައްސަލައެއް ނޫން، އެކަމަކު ބޯހިޔާވަހިކަން ނެތިގެން އުޅޭ އެންމެ ނިކަމެތިން ފައިސާ ނުދެއްކީމާ މި ބުނަނީ މިއީ އިގްތިސާދީ ގޮތުން ދެކޮޅު ޖެއްސޭނެ ކަމެއް ނޫނޭ،
ރައީސް ޔާމީން

ހިޔާ މަޝްރޫއަކީ އިގްތިސާދީ ގޮތުން ދެކޮޅު ޖެއްސޭނެ މަޝްރޫއެއް ކަމަށާއި ދެކޮޅު ނުޖެހޭ އެއްވެސް ކަމެއް އެމަނިކުފާނުގެ ވެރިކަމުގައި ކުރައްވާފައި ނުވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫތަކަށް އެކަށީގެންވާ ސަބްސިޑީއެއް ދޭން ޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި މި ސަރުކާރު ވެރިކަމާ ހަވާލުވެ ބިލިއަނެއްހާ ޑޮލަރު އެކި މީހުންނަށް ބަހައިލި ކަމަށާއި އެހެންވެ އެކަމަށް ހަރަދު ނުކުރައްވީ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނެފައި ވަނީ 25 ބުރީގެ އުސް އިމާރާތްތަކަކީ ދިވެހިން އާންމުކޮށް ދިރިއުޅެމުން އަންނަ ފަދަ ތަންތަން ނޫން ކަމަށްވާތީ އެއީ ދިވެހިންގެ ވައްޓަފާޅިއާ ނުގުޅޭ ފްލެޓުތަކެއް ކަމަށެވެ. އަދި އެ ފްލެޓުގައި މީހުން ދިރިއުޅެން ފަށާފައިވާ 6،338 ފްލެޓު ތަކުގެ ތެރެއިން 2،345 ތަނުން ކުލި ނުދައްކާ ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.