ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އަގު ނަގައިގެން ގައިދީންގެ އަދަބު ލުއިކޮށްދީ މާފުނުދޭ ކަމަށް ސަރުކާރުން ބުނެފި އެވެ.

ސަރުކާރުން މިހެން ބުނީ ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު (ޓޮމް) ކުރެއްވި ޓްވީޓެއްގައި، މާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އޮފީހުން ނިންމާ ނިންމުންތައް، ބާޒާރުގައި އަގު ނަގާ އުސޫލުން އަގު ނަގައިގެން ޗީފް އޮފް ސްޓާފު އަލީ ޒާހިރު އަންނަނީ ވިއްކަމުން ކަމަށް ބުނުމާ ގުޅިގެންނެވެ.

ރައީސް ސޯލިހް ޓެގް ކުރައްވާ ތޯރިގު ކުރެއްވި ޓުވީޓެއްގައި ވަނީ މާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އޮފީހުން ނިންމާ ނިންމުންތަކަށް ފައިސާ ނަގައިގެން އަލީ ޒާހިރު ކުރުވާ ކުރުވުން ހުއްޓުވައި ދިނުމަށް އެދިފަ އެވެ.

ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން ވިދާޅުވީ އެއީ ދޮގެއް ކަމަށާއި އަލީ ޒާހިރު އެފަދަ ކަމެއް ނުކުރައްވާ ކަމަށެވެ.

އަދާލަތު ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ އަލީ ޒާހިރަކީ ޗީފް އޮފް ސްޓާފްގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ނިންމަވާ ނިންމެވުންތައް ތަންފީޒު ކުރެއްވުމުގައި އެންމެ އިސްކޮށް ހުންނަވާ ބޭފުޅާ އެވެ. އަދި އެކިއެކި ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ އަށް ހިޔާލާއި މަޝްވަރާ ދެއްވުމަކީ ވެސް އޭނާގެ ޒިންމާއެކެވެ.

ޖިނާއީ މައްސަލަތަކުގައި ހުކުމްކޮށްފައިވާ ބައެއް ފަރާތްތައް ޖަލުން މިނިވަންކުރުމަށް އަލީ ޒާހިރު ވަނީ އެކި ފަރާތްތައް މެދުވެރިކޮށް ފައިސާ ނަންގަވާ ކަމުގެ ތުހުމަތުތައް މީގެ ކުރިން ވެސް ކޮށްފަ އެވެ. ނަމަވެސް އެ ތުހުމަތުތައް އޭނާ ވަނީ ދޮގުކުރައްވައިފަ އެވެ.