ޖެނީވާ (19 އޮކްޓޯބަރު) - އަވަށްޓެރި ގައުމުތަކުގެ އިގްތިސާދީ ހާލަތު ހަމައަކަށް އަޅުވަން އިންޑިއާގެ އެހީއަށް އދ.ން އެދެފި އެވެ.

ޖީ20ގެ ރިޔާސަތާ ޑިސެމްބަރު މަހު 1 ން ފެށިގެން އިންޑިއާ ހަވާލުވާއިރު، އެ ޖަމާއަތުގެ މެމްބަރު ގައުމުތަކުގައި އިސްލާހު ކުރަން ޖެހޭ ގިނަ ކަންކަން އެބަ ހުއްޓެވެ.

އދ. ގެ ސެކްޓެރަރީ ޖެނެރަލް އެންޓޯނިއޯ ގުޓުރެސް ވިދާޅުވީ ޖީ20ގެ މެމްބަރު އަދި އިންޑިއާގެ އަވަށްޓެރި ގައުމުތަކުގެ އިގްތިސާދު ރަނގަޅުކުރަން އެގައުމުގެ އެހީ ބޭނުންވާ ކަމަށެވެ.

މިހާރު ވެސް އިންޑިއާގެ އަވަށްޓެރި ތިން ގައުމަކުން ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ މާލީ އެހީއަށް އެދިފަ އެވެ. އެއީ ސްރީލަންކާ، ޕާކިސްތާން އަދި ބަންގްލަދޭޝް އެވެ.

"ދަރަނީގެ މައްސަލަ ކުރިމަތިވެފައިވާ ޖީ20ގެ ގައުމުތަކުގެ އެ ހާލަތުން އަރައިގަތުމަށް އިންޑިއާގެ އެހީއަށް ބަރޯސާވަން،" އެންޓޯނިއޯ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އޭޝިއާގެ ގިނަ ގައުމުތަކަކީ ދަރަނީގެ މައްސަލަ ކުރިމަތިވެފައިވާ ނުވަތަ އެ މައްސަލައިގެ ބިރު ބޮޑުވެފައިވާ ގައުމުތައް ކަމަށެވެ.

ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެން އުޅުއްވާ އެންޓޯނިއޯ މާދަމާގެ ވަގުތެއްގައި އެގައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާ ބައްދަލު ކުރައްވަން ވަނީ ހަމަޖެހިފަ އެވެ. -- އަލް އަރަބިއްޔާ