މާވެލް ސްޓޫޑިއޯސްގެ ކުރިއަށް އޮތް ފިލްމު "ބްލެކް ޕެންތާ: ވަކަންޑާ ފޯއެވާ" ފިލްމުގައި މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާގެ ލަވައެއް ހިމެނޭކަން ހާމަކޮށްފި އެވެ.

މިފިލްމުގައި ހިމެނޭ "ލިފްޓް މީ އަޕް" ނަމަކަން ކިޔާ މިލަވަ މިހާރު ވަނީ ބެލުންތެރިންނަށް ދޫކޮށްލާފަ އެވެ.

ރިހާނާ ލަވައެއް ކިޔާފައި މިވަނީ ހަ އަހަރުގެ މެދުކެނޑުމަށްފަހު އެވެ.

ރިހާނާގެ ލަވަޔަކަށް ފޭނުން ވަރަށް ބޮޑަށް އިންތިޒާރުކުރަމުން ދާ މި ދަނޑިވަޅުގައި ނެރުނު މި ސިންގަލްއަކީ މަންމައަކަށް ވުމަށްފަހު ރިލީޒްކުރި ރިހާނާގެ ފުރަތަމަ ލަވަ ވެސްމެ އެވެ. ރިހާނާ އާއި ފިރިމީހާ އަދި އެމެރިކާގެ ރެޕާ އޭސަޕް ރޮކީއަށް ފިރިހެން ދަރިފުޅަކު ލިބިފައި ވަނީ މިދިޔަ މެއި މަހު އެވެ.

"ބްލެކް ޕެންތާ: ވެކަންޑާ ފޯއެވާ" ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 11 ގަ އެވެ. މިއީ 2018 ވަނަ އަހަރު ޑައިރެކްޓަރު ރަޔަން ގެނެސްދިން ބޮޑު ހިޓް "ބްލެކް ޕެންތާ" ގެ ދެވަނަ ބައެވެ. އައު ފިލްމުން ވެސް ކުރީގެ ފިލްމުގެ މުހިއްމު ބައެއް ކާސްޓުން ފެންނާނެ އެވެ. އޭގެ ތެރޭގައި ލެޓީޝިއާ ރައިޓް، ލުޕިޓާ ނިއޮންގޯ، ވިސްޓަން ޑޫކް، އެންޖެލާ ބެސޭ އަދި ޑާނިއާ ގްރީރާ ފަދަ ތަރިން ހިމެނެ އެވެ.

ޖުމްލަ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ގެނެސްދިން "ބްލެކް ޕެންތާ" އަކީ ބޮކްސް އޮފީހުގައި 1.348 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމަކަށް ވާތީ ދެވަނަ ބަޔަކީ އަދި އެއަށް ވުރެ ކާމިޔާބު ފިލްމަކަށް ވާނެ ކަމުގެ އުންމީދު ވަރަށް ބޮޑެވެ.