އެމްއެންޑީއެފުން ސެކިއުރިޓީއާއި ހިމާޔަތް ދީގެން ހުޅުމާލޭގައި ހިންދީ ދީނުގެ ޔޯގާ ހަރަކާތުގެ އެންމެ ބޮޑު ޝިރުކު ހިމެނޭ އަޅުކަމެއްކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމު ވެއްޖެ އެވެ.
މި ވީޑިއޯ އާއްމު ކުރެއްވީ ޝައިޚް އާދަމް ނިޝާން އެވެ.
އެ ވީޑިއޯ ގައި ހުޅުމާލޭ ތޮށިގަނޑު މަތީގައި މީހަކު މޫދާ ވީ ފަރާތަށް ކުރިމަތިލައިގެން ޔޯގާގެ ހަރަކާތްތަކެއް ކުރާ މަންޒަރު ފެނެ އެވެ. އަދި ސެކިއުރިޓީ ގާޑުން ތަންކޮޅެއް ދުރުގައި މަޑުކޮށްގެން ތިބި ތަން ވެސް ފެނެ އެވެ.
ޝައިހް ނިޝާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ ސިފައިން ސެކިއުރިޓީއާއި ޙިމާޔަތް ދީގެން ހުޅުމާލޭގައި، ހިންދީ ދީނުގެ ޔޯގާ ހަރަކާތުގެ އެންމެ ބޮޑު ޝިރުކު ހިމެނޭ "ސޫރިޔާ ނަމަސްކާރު - ސަން ސެލިއުޓޭޝަން" ހަދަމުން ދިޔަ މަންޒަރު ކަމަށެވެ.
ނިޝާން ވިދާޅުވީ ދީނީ ގޮތުން މިއީ އެއްގޮތަކަށް ވެސް ހުއްދަވާނެ ކަމެއް ނޫން ކަމަށާއި މިފަދަ ޝިރުކުގެ އަމަލުތައް ކުރުމަށް ފުރުސަތު ދިނުމަކީ ގާނޫނީ ގޮތުން ވެސް މަނާކުރެވިފައިވާ ކަމެއް ކަމަށެވެ. އަދި ދިވެހި ސިފައިންނާއި ފުލުހުންގެ މައްޗަށް ދީނީ ގޮތުންނާއި ގާނޫނީ ގޮތުން ވާޖިބުވެ ލާޒިމްވެގެންވަނީ މިފަދަ ކަންކަން ހުއްޓުވުން ކަމަށް ނިޝާން ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން މިފަދަ ޝިރުކާއި ކުފުރުގެ ކަންކަން ކުރުމަށް ފުރުސަތުދީ، އެތަންތަނުގެ ސެކިއުރިޓީ ބަލަހައްޓައި ހިމާޔަތްދީ ހަދާ މީސްތަކުން މާދަމާ، އެ މުޝްރިކުންނާއި ޝިރުކުގެ ޢަމަލުތަކާއި އެކު މަހްޝަރު ވާން ބޭނުންވަނީތޯ އައްސަވާ ޝައިޚް ނިޝާން ވަނީ ސުވާލު އުފައްދަވާފަ އެވެ.
"އަދި ތިމަންމެން އެކަން ކުރީ ތިމަންމެންގެ ވެރީންނާއި ބޮޑުން އަންގައިގެނޭ ބުނެ ސަލާމަތްވާނޭ ކަމަށް ހީކުރަނީ ހެއްޔެވެ؟" ޝައިޚް ސުވާލު ކުރައްވާފައިވެ އެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފް އިން ބުނީ ޔޯގާ ހެދި މީހަކަށް ސެކިއުރިޓީ ދިން ކަމަށް ބުނެ ފަތުރާ ވާހަކައަކީ ދޮގެއް ކަމަށެވެ.