ވޯރްސޯ (16 ނޮވެމްބަރު) - ރޭ ޕޮލެންޑްގައި ގޮވި ގޮވުމަކީ ރަޝިއާގެ މިސައިލްއަކަށް ޔޫކްރެއިނުން ދިން ރައްދު ހަމަލާއެއް އަމާޒުވެ ގޮވި ގޮވުމެއް ކަމަށް އެމެރިކާއިން ބުނެފި އެވެ.
މި ރިޕޯޓު އައިސްފައި މިވަނީ އެ ގޮވުމަކީ ރަޝިއާއިން ފޮނުވާލި ހަމަލާއެއް ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެފައި ވަނިކޮށެވެ.
ދެ މީހަކު މަރުވި އެ ގޮވުމަކީ ރަޝިއާގެ ހަމަލާއެއް ކަމަށް ލަފާ ނުކުރެވޭ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ މީގެ ކުރިން ވެސް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް އެކަން ޔަގީން ކޮށްދީފައިވަނީ ޕެންޓަގަންއިން އާއްމުކުރި ރިޕޯޓަކުންނެވެ.
މިއާއެކު ވެސް ޕޮލެންޑްގެ އަސްކަރިއްޔާ ތައްޔާރީ ހާލަތަށް ގެނެސް ނޭޓޯގެ ލީޑަރުންގެ މެދުގައި އިތުރު މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށް ހަބަރުތައް ބުނެ އެވެ.
ރޭގެ ގޮވުން ގޮވި ވަގުތަކީ ރަޝިއާއިން ޔޫކްރެއިންއަށް މިސައިލް ހަމަލާތަކެއް ދެމުން ދިޔަ ވަގުތަކަށް ވުމުން އެންމެ ފުރަތަމަ ބެލެވުނީ އެއީ ރަޝިއާގެ މިސައިލެއްގެ ގޮތުގަ އެވެ.
އެހެން ނަމަވެސް ރަޝިއާއިން ވަނީ ޕޮލެންޑްގެ މިސްރާބަށް އެގއުމުން މިސައިލެއް ނުފޮނުވާ ކަމަށާއި ޕޮލެންޑްގައި ގޮވި ގޮވުމާއި ރަޝިއާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފަ އެވެ. -- ރޮއިޓާސް