ސްޕޭންގެ ބާސަލޯނާގައި ކުރިއަށްދާ ސްމާޓް ސިޓީ އެކްސްޕޯ ވޯލްޑް ކޮންގްރެސް 2022 ގައި މާލޭ ސިޓީ ކައުންސިލުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ބައިވެރިވެއްޖެ އެވެ.

ސިޓީ ކައުންސިލުން ބުނިގޮތުގައި އިއްޔެ ފެށި މި ބައްދަލުވުމުގެ މިއަދު އޮތް ދަންފަޅިތަކުގައި ސިޓީ ކައުންސިލުން ވަނީ ކައުންސިލްގެ މިދައުރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގައި ހިމެނޭ މުހިންމު ލަނޑުދަނޑިތަކަށް އަލިއަޅުވާލައި، ދުނިޔޭގެ ތަފާތު 70 ގައުމަކުން ބައްދަލުވުމުގައި ބައިވެރިވަމުންދާ ވަފުދުތަކާ މައުލޫމާތު ހިއްސާކޮށްފަ އެވެ.

އެ ކައުންސިލުން ބުނީ ކައުންސިލްގެ ތަސައްވުރަށް އެކި ފަރާތްތަކުން ވަނީ ތައުރީފުކޮށް، މާލެ ފަހިކުރުމާ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މާލޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމާއި، ރައްކާތެރިކަމާއެކު ކުނި ނައްތާލުން ފަދަ ތަފާތު ލަނޑިދަނޑިތައް ހާސިލުކުރުމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގައި ކުރިއަށްގެންދާ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުން ދިނުމާމެދު ކައުންސިލުގެ ވަފުދުގެ މެންބަރުންނާ މަޝްވަރާކޮށްފައިވާ ކަމަށެވެ.

ބާސެލޯނާގައި ކުރިއަށްދާ ސްމާޓް ސިޓީ އެކްސްޕޯގެ ތެރެއިން

ސިޓީ ކައުންސިލުން ބުނިގޮތުގައި މި ކޮންގްރެސްއަކީ ދުނިޔޭގައި ބޭއްވޭ މިފަދަ އެންމެ ބޮޑު ބައްދަލުވުމަށް ވީހިނދު، މިފަހަރުގެ ބައްދަލުވުމުގައި އެންމެ އިސްކަންދޭ ޝިއާރަކަށް އިންތިޒާމުކުރި ފަރާތްތަކުން އެކަށައަޅާފައިވަނީ ދަތުރުފަތުރުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމެވެ.

އޭގެ އިތުރުން، އދ. ގެ ސަސްޓޭނަބަލް ޑިވެލޮޕްމަންޓް ގޯލްސް ހާސިލުކުރުމުގައި ސިޓީތަކުގެ ދައުރަށްވެސް މި ބައްދަލުވުމުގައި ވަނީ އަލިއަޅުވާލާފަ އެވެ. ބައްދަލުވުމުގައި މިއަދު އޮންނަ ރީޖަނަލް އަދި ސިޓީ ގަވަމަންޓްތަކަށް ހާއްސަ ދަންފަޅީގައި މާލޭ ސިޓީ ކައުންސިލުން ބައިވެރިވާންވެސް ވަނީ ދައުވަތު ލިބިފަ އެވެ.

ބާސަލޯނާގައި ކުރިއަށްދާ މި ބައްދަލުވުން ނިމެނީ މިމަހުގެ 18 ވަނަ ދުވަހު އެވެ.