ޑިޕާޓްމަންޓް އޮފް ނޭޝެނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)ގެ ޑިރެކްޓަ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސވިލް ސާވިސް ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޑީއެންއާރްގެ ޑިރެކްޓަ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ އަންނަ މަހުގެ އެކެއްވާ ބުރާސްފަތި ދުވަހުގެ މެންދުރު 2 ޖެހުމާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެޒެންޓޭޝަން އަދި އިމްތިހާނު އަންނަމަހުގެ 6 އާއި 29 އާއ ދެމެދު ކުރިއަށްދާނެކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުންޏެވެ.

ޑީއެންއާރްގެ ޑިރެކްޓަ ޖެނެރަލުގެ މަގާމުގެ މުސާރައިގެ ގޮތުގައި ސާވިސް އެލެވެންސާއި، ސަޕޯޓިން ކޯ އެލަވެންސް ހިމެނޭހެން 17،390 ރުފިޔާ ލިބޭނެ އެވެ. އަދި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތާއި، ރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ލިބޭ ޕެންޝަން ކޮންޓްރިބިއުޝް އަދި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ އެވެ.

މި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާ ވާޖިބުތަކުގެ ތެރޭގައި ޑީއެންއާރުގެ އެންމެހާ ކަންތައްތައް ގާނޫނާއި ގަވާއިދާއި އެއްގޮތަށް ބެލެހެއްޓުމާއި، އެ ޑިޕާޓްމަންޓުގެ މެންޑޭޓާއި ގުޅިގެން ތައްޔާރުކުރުމަށް ބޭނުންވާ ސްޓްރެޓެޖިކް ޕްލޭން އެކުވަލާ އެކްޝަން ޕްލޭން ހެދުމަށް ބޭނުންވާ ފަންނީ ލަފާ ފޯރުކޮށްދިނުން ހިމެނެ އެވެ. އަދި ދިވެހި ރައްޔިތުންގެ ކަޑު ހެއްދުމުގެ ނިޒާމު ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ، މިދާއިރާގައި މަސައްކަތްކުރާ މީހުންނަށް ބޭނުންވާ ހުނަރުތައް ފާހަގަކޮށް ކަމާބެހޭ ވުޒާރާތަކާ ގުޅިގެން މިކަންކަން ހަރުދަނާކުރުމަށް މަސައްކަތް ކުރުންވެސް ހިމެނެ އެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންޖެހޭ ަރުތުތަކުގެ ތެރޭގައި މަގާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، މަގާމުގެ މަސައްކަތްތަކުގެ ދާއިރާއެއްގައި މަދުވެގެން 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ. ނުވަތަ މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއި، މަގާމުގެ މަސައްކަތްތަކުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.