ބޮލީވުޑްގެ މަގުބޫލު އެކްޓަރު ޝާހްރުކް ޚާން އާއި ގޯރީ ޚާންގެ ދަރިފުޅު އާރިޔަން ޚާން އަކީ ބޮލީވުޑް ތަރި އަނަންޔާ ޕާންޑޭގެ "ކްރަޝް"އެއް ކަމަށް އޭނާ އެއްބަސްވެފައިވަނިކޮށް ދެ މީހުން އެކުގައި ފެނިއްޖެ އެވެ.
އަރްޔަން އަކީ ކްރަޝްއެއް ނުވަތަ ލޯބިވާކަމަށް އަނަންޔާ އެއްބަސްވެފައި ވަނީ ކަރަން ޖޯހަރުގެ "ކޮފީ ވިތް ކަރަން" ގެ ހަތް ވަނަ ސީޒަންގައި މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.
މިވާހަކަ މަޝްހޫރު ވެފައިވަނިކޮށް އަރްޔަން ހާން އަދި އަނަންޔާ ވެސް ރަހުމަތްތެރިއްގެ ގޭގައި އޮތް ޕާޓީއަކަށް ވަންނާތީ ފެނިގެން ނޫސްވެރިން ވަނީ ފޮޓޯ ނަގާފަ އެވެ.
ނަމަވެސް ދެމީހުންގެ ތެރެއިން އެކަކު ވެސް އެއްވެސް ބަހެއް ނުކިޔާ އަދި ފޮޓޯ ނަގަން ވެސް ނުހުއްޓި ވަނީ ޕާޓީއަށް ވަދެފަ އެވެ.
އާރިޔަން ހާން މިދޭތެރެއިން މަސްތުވާތަކެއްޗާއެކު އިންޑިއާ ފުލުހުން އަތުލިއިރު ވެސް، އަނަންޔާ ޕާންޑޭ އާ ސުވާލުކުރި އެވެ. އޭނާ އާ ސުވާލުކުރީ އާރިޔަން އާ ޗެޓް މެދުވެރިކޮށް މަސްތުވާތަކެތީގެ ވާހަކަ ދައްކާފައިވާތީ އެވެ. ނަމަވެސް ފުލުހުންނަށް މި ދެ މީހުންނާ ދެކޮޅަށް އެކަށީގެންވާ ހެއްކެއް ނުފެނުނެވެ.
އަރްޔަން ބަންދުކޮށްފައި ހުރި އިރުވެސް އަނަންޔާ ވަނީ އާރިޔަންގެ ދިފާއުގައި ވާހަކަ ދައްކާފަ އެވެ. އެގޮތުން އޭނާއަކީ ގޯސް މީހެއް ނޫންކަމަށާއި، އޭނާ އެފަދަ ކަމެއް ނުކުރާނެ ކަމަށް އަނަންޔާ ވަނީ ބުނެފަ އެވެ.
އާރިޔާން އަށް މިދިޔަ މޭ މަހު އިންޑިއާ ފުލުހުން ކްލިއަރެންސް ދީފައިވަނީ ލަގްޒަރީ ކްރޫޒް ޝިޕެއްގައި އޮތް ޕާޓީއަކަށް ދިޔަ މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ.
އުމުރުން 24 އަހަރުގެ އާރިޔަން މިހާރު އަންނަނީ ބޮލީވުޑަށް ނިކުތުމަށްޓަކައި މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް އޭނާ މަސައްކަތް ކުރާނީ ކެމެރާގެ ފުރަގަހުގައި އެވެ. އެގޮތުން އާރިޔަންގެ ފުރަތަމަ ވެބް ސީރީޒްގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ އެވެ.
އެކްޓަރު ޗަންކީ ޕާންޑޭގެ ދޮށީ އަންހެން ދަރިފުޅު، އަނަންޔާގެ މިހާރު އަންނަނީ އަޔޫޝްމާން ކުރާނާއެކު ލީޑް ރޯލުން ފެނިގެންދާ ޑްރީމް ގާލް 2 މަސައްކަތް ކުރަމުންނެވެ.