ރާއްޖޭގައި މިވަގުތު އެއިޑްސް ބަލީގެ 22 މީހަކު ފަރުވާ ހޯދަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގުވާމީ އެއިޑްސް ދުވަހާ ގުޅިގެން އެޗްޕީއޭއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭން އެންމެ ފުރަތަމަ އެޗްއައިވީ ފެނުނީ 1991 ވަނަ އަހަރު ކަމަށެވެ. އެގޮތުން އެޗްއައިވީ ވައިރަހުން ޖައްސާ އެއިޑްސް ބަލީގެ ރާއްޖޭގެ ތަފާސްހިސާބުތަކަށް ބަލާ އިރު މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ރާއްޖޭން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 39 އަށް އަރައިފަ އެވެ. މިހާތަނަށް މި ބަލި ޖެހިގެން 15 މީހަކު މަރުވެފައިވާ އިރު، މި ވަގުތު ބަލީގައި ތިބީ 22 މީހެކެވެ.

އެއިޑްސް ފެތުރޭ ގޮތްތަކުގެ ތެރޭގައި ރައްކާތެރި ނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުމާއި އެކަކު ބޭނުންކޮށްފައިވާ ސިރިންޖު ބޭނުންކުރުމާއި އެޗްއައިވީ ހުރިތޯ ބެލުމަށް ޓެސްޓުނުކޮށް ލޭ އެޅުމާއި އެޗްއައިވީ ޖެހިފައިވާ މަންމަގެ ފަރާތުން ބަލިޖެ ހުން ހިމެނެ އެވެ.

އޭޑްސް ބައްޔާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަސް ފާހަގަކުރުމުގެ މަގްސަދަކީ އޭޑްސް ބަލީގެ ނުރައްކަލުން ދިވެހި މުޖުތަމައު ސަލާމަތްކުރުމުގެ ގޮތުން ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ. އަދި ބަލި ފެތުރުމަށް މަގުފަހިވާފަދަ އާދަތަކާއި ދުރުހެލިވުމަށް އެހީތެރިވެދިނުން ކަމަށެވެ.

މި އަހަރުގެ އޭޑްސް ދުވަހުގެ ޝިއާރަކީ "އެޗްއައިވީއިން ރައްކާތެރިވުމަށްޓަކައި ގަވައިދުން ޓެސްޓް ކުރަން އާދަކުރަމާ" މި އެވެ.

ރާއްޖޭގައި މި އަހަރު އެއިޑްސް ދުވަސް ރަސްމީކޮށް ފާހަގަކުރަން ނިންމާފައި ވަނީ މި މަހުގެ 12 ގައި ގއ. ވިލިގިލީގަ އެވެ.