އިންސާނީ ހައްގުތަކުގެ ދާއިރާއިން ދިވެހި ދައުލަތުގެ އެންމެ އިސް ސިޔާސަތަކީ، އަސާސީ ހިދުމަތްތައް ދިނުމުގައި ދިވެހި ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތެއް ނުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގަ އެވެ.

ރައީސް ވިދާޅުވީ އިންސާނީ އަސާސީ ހައްގުތަކާ ގުޅިފައިވާ ޒަރޫރީ ހިދުމަތްތައް ދިވެހި ކޮންމެ ރައްޔިތަކަށް ހަމަހަމަކަމާ އެކު ފޯރުކޮށްދިނުމަށްޓަކައި ވަރަށް މުހިންމު މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އެގޮތުން މެދުނުކެނޑި ރަށްރަށުގެ އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަން ފާހަގަކުރެއްވި އެވެ.

“މިއަދުގެ ޝިއާރައަކީ "ކަރާމާތާއި މިނިވަންކަމާއި އިންސާފު، އެންމެންނަށް" ރަމްޒުކޮށްދެނީ، އިންސާނުންގެ މެދުގައި އޮންނަންޖެހޭ ހަމަހަމަކަމާއި އިހްތިރާމާއި ގަދަރުކުރުމުގެ ސިފަ ދެމެހެއްޓުމަށް މަސައްކަތް ކުރުމުގެ މުހިންމުކަން. މިނިވަންކަމާއި އަދުލު އިންސާފާއި ސުލްހަވެރިކަން، މުޖްތަމައުގައި ދެމެހެއްޓޭނީ އެކަކު އަނެކަކާ މެދު އިހްތިރާމާއި ލޯތްބާއި އިންސާފާއެކު މުއާމަލާތު ކޮށްގެން. ތިމާގެ އަމިއްލަ ނަފްސަށް ލިބުމަށް އެދޭ އިހްތިރާމާއި މިނިވަންކަމާއި އިންސާފު ތިމާގެ ފަރާތުން އަނެކާއަށް ވެސް ލިބިދީގެން.” ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާއިރު، އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހެނީ މުޖުތަމައުގައި ހުރި އިންސާނީ ހައްގުތަކަށް ހުރަސްއެޅޭ ކަންކަން ނައްތާލުމަށްކަމުގައި ފާހަގަކުރައްވާފަ އެވެ. އެގޮތުން ކުޑަކުދިންނަށާއި އަންހެނުންނަށް ކުރާ ޖިސްމާނީ އަދި ޖިންސީ އަނިޔާ އާއި ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމަށް، މުޅި މުޖްތަމަޢު އެކުގައި މަސައްކަތް ކުރަންޖެހޭކަމަށާއި، އިޖްތިމާއީ މައްސަލަތަކާއި ކުށްތައް ހުއްޓުވުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެކަމަށާއި، ދޮށީ އުމުރުގެ މީހުންނަށް ހައްގުވާ އާއިލީ ލޯތްބާއި އަޅާލުން ދިނުމަށް ސަމާލުކަން ދޭންޖެހޭ ކަމަށާއި، މައިންބަފައިންގެ ލޯބިން މަހުރޫމުވެފައިވާ ކުޑަކުދިންނަށް މުޖްތަމައުގެ ތެރެއިން އަޅާލުމާއި ލޯތްބާއި ކުލުނުގެ މާހައުލެއް ފަހިކޮށްދިނުމަށް ރައީސް ބާރުއެޅުއްވި އެވެ.