ލަންޑަން (13 ޑިސެމްބަރު) - އިނގިރޭސި ވިލާތުގެ އެކި ސަރަހައްދުތަކަށް ބޯކޮށް ސްނޯ ވެހި ދަތުރުފަތުރަށް ބުރޫ އަރައިފި އެވެ.
އެގޮތުން ސްނޯގެ ސަބަބުން އެއާޕޯޓުތަކާއި ރޭލުގެ ނިޒާމުގެ އިތުރުން އާއްމު މަގުތައް ވެސް ބަންދު ކުރަން ޖެހިފައިވާއިރު ހިދުމަތްތައް ފޯރުކޮށްދިނުމުގައި ލަސްތަކެއް ވެސް ވަނީ ރެކޯޑު ކުރެވިފަ އެވެ.
ފިނި މޫސުމާއެކު އިނގިރޭސި ވިލާތުގެ ދެކުނު އިރުމަތީ ސަރަހައްދުތަކަށް އެގައުމުގެ މެޓް އޮފީހުން ވަނީ ރީނދޫ އެލާޓް ނެރެފަ އެވެ. ރެއަކީ މިއަހަރު ތެރޭގައި އެގައުމުގައި ރެކޯޑް ކުރެވުނު އެންމެ ފިނިގަދަ ރޭ ކަމަށްވާއިރު ކުރިއަށް އޮތް ދެ ދުވަހު ވެސް ބޯކޮށް ސްނޯ ވެހޭނެ ކަމަށް އެ އޮފީހުން ލަފާ ކޮށްފައިވެ އެވެ.
އިނގިރޭސި ވިލާތުގެ އުތުރު އަޔަލޭންޑާއި އުތުރު ސްކޮޓްލެންޑަށް 5- ޑިގްރީ ސެލްސިއަސްއަށް ފިނިހޫނުމިން ވަނީ ދަށްވެފަ އެވެ. މިއީ މަދުން ނޫނީ ރެކޯޑް ނުކުރެވޭ މިންވަރެކެވެ.
ފިނީގެ ސަބަބުން ދަތުރުފަތުރަށް ބުރޫ އަރާފައިވާއިރު އެއްބައި ގަނޑުވެފައިވާ ފެންގަނޑަކަށް ވެއްޓި އެގައުމުގެ ހަ އަހަރުން ދަށުގެ ތިން ކުއްޖަކު ވެސް ވަނީ މަރުވެފަ އެވެ.
ފިނިމޫސުމުގައި ލަންޑަނަށް ސްނޯ ވެހުނު ނަމަވެސް އަޔަލެންޑާއި ސްކޮޓްލެންޑް ފަދަ އެގައުމުގެ އެހެން ހިސާބުތަކަށް ބޯކޮށް ސްނޯ ވެހުމަކީ މަދުން ނޫނީ ނުވާ ކަމެކެވެ. -- އަލް އަރަބިއްޔާ