ހދ. ނޮޅިވަރަމް، ނިޝާމާ މުހައްމަދު 28، ގެ މަރުގެ ތުހުމަތުކުރެވޭ އޭނާގެ ފިރިމީހާ އދ. ފެންފުށީ، ރޯސީވިލާ، އަބޫބަކުރު ފައިސަލް އަދިވެސް އޮތީ ވެންޓިލޭޓަރުގައި ބާއްވާފައި ކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނެފި އެވެ.

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ކޮޅީގެ ތެރޭގައި ފައިސަލް ދަންޖެހިފައި ހުއްޓައި ފެނިގެން އޭނާ ވަނީ ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފައިސަލް ބަންދުކޮށްފައި ހުރިތަނުގައި ދަންޖެހެން މަސައްކަތް ކުރަނިކޮށް ފުލުހުންނަށް ފެނިފައިވާ ކަމަށެވެ.

އޭނާއަށް ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދާއިރު، އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ވަނީ ފައިސަލްގެ ހާލު ވަރަށް ކްރިޓިކަލް ކަމަށް ވިދާޅުވެފަ އެވެ. އަދި ފައިސަލްއަށް އަދިވެސް އައިސީޔޫގައި ފަރުވާދެމުން ގެންދާކަމަށާއި، އޭނާގެ ހާލަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ހޮސްޕިޓަލުން ބުނެފައިވެ އެވެ.

ނޮޅިވަރަމުން ވާހަކަ ދެއްކި ދެ މީހަކު ބުނީ، އެ އަންހެން މީހާ މަރުވި ހާދިސާއާ ފިރިމީހާއާ ގުޅުވައިގެން ވާހަކަދައްކަމުން އަންނަ ކަމަށެވެ.

އެގޮތަށް ރަށު ތެރޭގައި ވާހަކަ ދެކެވޭ ދެ ސަބަބެއް އެބައޮތް ކަމަށް ވެސް އެ މީހާ ބުންޏެވެ. އެއް ކަމަކީ، އަނބިމީހާ ހޭނެތިފައި އޮއްވާ، ފިރިމީހާ އެ ރަށުން ފުރައިގެން ދިއުމާއި، އެ ދެމަފިރިންގެ ދޭތެރޭގައި މައްސަލަ ޖެހިގެން އުޅޭތާ ދުވަސްތަކެއް ވެފައިވުމެވެ.