އަންނަ އަހަރު އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނީ އެމަނިކުފާނު ކުރިމަތިލައްވައިގެން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ވަރަށް ގިނަ ދުވަހު ނޫސްވެރިންނާ ބައްދަލުނުކުރައްވާ ހުންނެވުމަށްފަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސޯލިހު މިހެން ވިދާޅުވީ ރައީސް ސޯލިހު އެންމެ ދެކެން ބޭނުންވަނީ ރައީސް ނަޝީދުގެ ވެރިކަމެއް ކުރާތަން ދެކެން ކަމަށް ކުރިން ވިދާޅުވެފައިވާއިރު، ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ކީއްވެތޯ ނޫސްވެރިއަކު ސުވާލު ކުރެއްވުމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ. "50 އިން ސައްތަ ކްރޮސް ކުރެވޭނެ ކެންޑިޑޭޓަކީ އަޅުގަނޑު،" ރައީސް ސޯލިހު ވިދާޅުވި އެވެ.

މީގެ އިތުރުން 2018 ވަނަ އަހަރު ވީ ވައުދުތައް ފުއްދަމުން ދާކަން ރައްޔިތުން ގަބޫލުކުރާ ކަމަށާއި ކޮވިޑާ ގުޅިގެން ވަރަށް ގިނަ މަޝްރޫއުތައް މަޑު ޖެހިފައިވާ ކަމަށެވެ. އެހެންކަމުން އެ މަޝްރޫއުތައް ނިންމުމަށްޓަކައި ކުރިއަށް އޮތް ދެ އަހަރު ދުވަހަކީ ވަރަށް މުހިއްމު 2 އަހަރު ކަމަށާއި އެ މަސައްކަތް ފުރިހަމަ ކުރުމަށްޓަކައި ވެސް ކުރިމަތިލާން ޖެހޭ ކަމަށެވެ. އަދި ސިޔާސީ ހިޔާލު ތަފާތު މީހުންނާއި އެކީގައިވެސް އެމަނިކުފާނަށް މަސައްކަތް ކުރެއްވޭނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ނަޝީދާ އެމަނިކުފާނު ވާދަކުރައްވަނީ ކީއްވެތޯ ސުވާލު ކުރެއްވުމުން ވިދާޅުވީ ރައީސްކަން ކުރައްވަން ރައީސް ނަޝީދު ބޭނުން ނުވާ ކަމަށާއި ރައީސް ނަޝީދު ބޭނުން ވަނީ ބޮޑުވަޒީރުކަން ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

ރައީސް ސޯލިހު އެހެން ވިދާޅުވި ނަމަވެސް ރައީސް ނަޝީދު ވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާފަ އެވެ.