ކޮލެޖުގައި ރަޖިސްޓްރީ ކޮށްފައިނުވާ ދަރިވަރުންތަކަކަށް ސެޓްފިކެޓު ދޫކުރި މައްސަލައެއްގައި އެވިޑް ކޮލެޖު ޖޫރިމަނާކޮށްފި އެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ނެރުނު ނޫސް ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، އެވިޑް ކޮލެޖާ މެދު މި ފިޔަވަޅު އެޅީ ރަޖިސްޓްރީ ނުކުރާ ދަރިވަރުންނަށް ސަނަދު ދޫނުކުރުމަށް ތަކުރާރުކޮށް އަންގާފައިވަނިކޮށް، އެ އެންގުމާ ހިލާފަށް އަމަލުކުރުމާ ގުޅިގެންނެވެ.
އެމްކިއުއޭ އިން ބުނީ އެވިޑް ކޮލެޖުގައި ރަޖިސްޓްރީވެފައި ނުވާ ސްރީލަންކާގެ ދަރިވަރުންތަކަކަށް ސަނަދު ދޫކުރި މައްސަލައެއް މިއަހަރުގެ ކުރީކޮޅު ފެންމަތިވެފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން އެ ކޮލެޖަށް ނަސޭހަތްތެރިވެ، ފިޔަވަޅު އަޅައި، އެކަން އާންމުކޮށް އިއުލާނުކޮށްފައިވާނެ ކަމަށްވެސް އެ އޮތޯރިޓީން ބުންޏެވެ.
ނަމަވެސް، އެފަދަ ފިޔަވަޅުތަކެއް އަޅާފައިވަނިކޮށް، ރަޖިސްޓްރީ ނުކުރާ ދަރިވަރުންތަކަކަށް އަނެއްކާވެސް އެ ކޮލެޖުން ސަނަދު ދީފައިވާކަން އެމްކިއުއޭގެ ސަމާލުކަމަށް ވަނީ އައިސްފަ އެވެ. އެހެންކަމުން، އެ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ލަފަޔާއެކު ދެވަނަ ފިޔަވަޅެއްގެ ގޮތުން މިހާރު ވަނީ އެވިޑް ކޮލެޖު ޖޫރިމަނާކޮށްފަ އެވެ.
މިކަމާ ގުޅިގެން އެމްކިއުއޭ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ އޮތޯރިޓީގެ ގަވާއިދުތަކާ ހިލާފަށް ޕްރޮގްރާމުތައް ހިންގުމަކީ ރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒުތަކާ މެދު އޮތް އިތުބާރު ގެއްލިދާނެ ކަމެއް ކަމަށް އެމްކިއުއޭ އިން ފާހަގަކުރެއެވެ.
މީގެ އިތުރުން، އެމްކިއުއޭ އިން ވަނީ ތައުލީމީ މަރުކަޒުތަކުން ކަނޑައެޅިފައިވާ އުސޫލުތަކާއި މިންގަނޑުތަކަށް ފުރިހަމައަށް ބޯލެނބުމަށް އިލްތިމާސްކޮށްފަ އެވެ.
ނާކާމިޔާބީތަކާ ގުޅިގެން ސްޓާމާ އިސްތިއުފާ ދެއްވާނެ: ޓްރަމްޕް
ކިއާ ސްޓާމާ ހޯމަ ދުވަހު އިސްތިއުފާ ދެއްވަން ތައްޔާރުވަނީ
އައިޔޫއެމްގެ ދިރާސާ: ކުދިން ސްކޫލަށް ނުދަނީ ލަހުން ނިދާތީ