އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ހުށަހެޅުއްވި މުހައްމަދު ޝަކީލް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވީ އެތަނުގައި މިނިވަންކަމާ އެކު މަސައްކަތްކުރެވޭނެ މާހައުލެއް އޭރު ނެތުމުން ކަމަށް މިއަދު ވިދާޅުވެއްޖެ އެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ޝަކީލްއާ ވަނީ މަގާމުގެ ޝަރުތުތަކާއި މާޒީގައި ކޮމިޝަނުގައި މަސައްކަތް ކުރެއްވި ދުވަސްވަރާ ގުޅޭގޮތުން ސުވާލުކޮށްފަ އެވެ.
ކޮލަމާފުށީ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ކުރެއްވި ސުވާލަކާ ގުޅިގެން ޝަކީލް ވިދާޅުވީ، 2018 ވަނަ އަހަރު އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމުން އޭނާ އިސްތިއުފާ ދެއްވީ ކޮމިޝަނުގެ ތެރޭގައި މިނިވަންކަމާ އެކު މަސައްކަތްކުރުމަށް ހުރަސްތަކެއް ހުރި ކަމަށް އޭނާ އަމިއްލައަށް ގަބޫލުކުރެވުމުން ކަމަށެވެ. އެ ހާލަތުގައި ގާނޫނުއަސާސީން ކޮމިޝަނާ މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަކީ އޭނާގެ ޒަމީރު ގަބޫލުކުރާ ކަމަކަށް ނުވާތީ، މަގާމުން ވަކިވާން ނިންމެވީ ކަމަށް ޝަކީލް ފާހަގަކުރެއްވި އެވެ. އޭނާ ވަނީ މީގެ ކުރިން ކޮމިޝަނުގެ ޑިރެކްޓާ ޖެނަރަލްކަމުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.
އަލުން ކޮމިޝަނަށް އައްޔަންކޮށްފި ނަމަ އެތަނުގައި މިނިވަންކަމާ އެކު މަސައްކަތްކުރެވޭނެ ކަމުގެ ޔަގީންކަމާ ދެވިދާނެތޯ ކުރި ސުވާލަށް ޖަވާބުދެއްވަމުން ޝަކީލް ވިދާޅުވީ، ކޮމިޝަނުގެ މަސައްކަތްތަކަށް ހުރަސްއެޅޭ ފަދަ އެއްވެސް ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ ހާލަތެއްގައި ވެސް މަގާމުން އެއް ފަރާތް ވާނެ ކަމަށެވެ. މިހާރު ޕީއެންސީގެ ރަޖިސްޓްރާ އަދި އެ ޕާޓީގެ ސެނެޓު މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ ޝަކީލް ވަނީ، އިންތިހާބީ މާހައުލުގެ މިނިވަންކަމަކީ ކޮމިޝަނުގެ އެންމެ އިސް ޒިންމާ ކަމުގައި ވިދާޅުވެފަ އެވެ.
އީރާނުގެ ތެލާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް މެދުކަނޑާލައިފި
ޒާތީ މައުލޫމާތު ރައްކާތެރިކުރުމާ ގުޅޭ ބިލު ކޮމިޓީއަށް
ވޯލްޑް ކަޕް: ގަދަ ހޫނާއެކު އެންމެންނަށް ބޮޑު ގޮންޖެހުމެއް!
